ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލޭގައި ތިބޭނީ ދިވެހިންނާއި އެހެން ޤައުމުތަކުގެ މުސްލިމުން: ރައީސް

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން / ފޮޓޯ: ރައީސް އޮފީސް
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން / ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ތަރައްޤީކުރާ ވޯޓާ ފްރަންޓާއި މެރީނާ މަޝްރޫޢު ނިމުމުން، އެތަނުގައި ދިރިއުޅޭނީ ދިވެހިންނާއި ބޭރު ޤައުމުތަކުގެ މުސްލިމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލޭގައި އިސްރާއީލް ނުވަތަ ޔަހޫދީން ވަޒަންވެރި ކުރުވަފާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށެވެ. އަދި އެ ސަރަހައްދުން ޕްރޮޕަޓީ ގަތުމުގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުރީ އަރަބި އިސްލާމީ ޤައުމުތަކުގެ އިންވެސްޓަރުންގެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޚަބަރުގެ މުހިންމު ނުކުތާތައް:
• އިޒްރޭލު ރައްޔިތުން މަނާވުން: އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ރަސްމާލެއިން ޕްރޮޕަޓީއެއް ގަނެ، ނުވަތަ ކުއްޔަށް ވެސް ނުހޯދޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް އެންމެ ދުވަހަކު ވެސް އެތަނުގައި މަޑުކުރުމުގެ ފުރުޞަތެއް ނުދެއްވާނެއެވެ.
• ވަރުގަދަ ކޭވައިސީ ޗެކް: ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ ހަމައެކަނި ޕާސްޕޯޓަށް ބެލުމުގެ ބަދަލުގައި، ހުރިހާ ގޮތަކުން ބަލައި އެއީ ކޮން ޤައުމެއްގެ ރައްޔިތެއްކަން ކަށަވަރުކުރާނެއެވެ.
• ޤައުމުތަކުގެ މެކްސިމަމް ލިމިޓް: ރާއްޖެއިން ބޭރުގެ ވަކި ޤައުމެއްގެ ރައްޔިތުންނަށް އެންމެ ގިނައިން ވެސް ވިއްކޭނީ ރަސްމާލޭގެ ޕްރޮޕަޓީތަކުގެ 25 އިންސައްތައެވެ.
• ދިވެހިންނަށް ހުރަހެއް ނެތް: ދިވެހި ރައްޔިތުންނަށް ޕްރޮޕަޓީ ގަތުމުގައި އެއްވެސް ލިމިޓެއް (ހުރަހެއް) ނޯންނާނެއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވެފައި ހަމަޖެހުން އޮތުމުގެ ސަބަބުން، ރާއްޖޭގެ ރީތިކަމާއި ހިތްހަމަޖެހުން ހޯދަން ބޭނުންވާ މުސްލިމުން ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން ރަސްމާލެ މަޝްރޫޢާ މެދު ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.