ހުޅުމާލޭގައި އީގަލް ހިލްސްއިން އިމާރާތްކުރާ 5,000 ފްލެޓް ޚާއްޞަކުރާނީ ޒުވާނުންނާއި މަސައްކަތްތެރިންނަށް: ރައީސް
ހުޅުމާލޭގެ ފޭސް ތިނެއްގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5,000 ހައުސިން ޔުނިޓްގެ ބޮޑު ބައެއް، ބޯހިޔާވަހިކަން ބޭނުންވެފައިވާ ޒުވާނުންނާއި ތަފާތު ދާއިރާތަކުގެ މަސައްކަތްތެރިންނަށް ހާއްސަކުރަން ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ނިއުސް ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި ބިނާކުރާ މި ތިން ކޮޓަރީގެ ފްލެޓްތައް ދޫކުރުމުގައި އިސްކަންދޭނީ ރިސޯޓްތަކާއި މަސްވެރިކަމާއި އެނޫންވެސް އެކިއެކި ދާއިރާތަކުގައި އުޅޭ، އަދި މިހާތަނަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ މަސައްކަތްތެރިންނަށެވެ.
400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި މަޝްރޫއަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދީގެން ހިންގާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުގެ ފަސްޓް ސޭލްގެ ތެރެއިން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 10 ޕަސެންޓް އާމްދަނީގެ ތެރެއިން އީގަލް ހިލްސްއިން އަޕްފްރޮންޓްކޮށް ހަރަދުކުރާ ފައިސާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
Ads by BMLއީގަލް ހިލްސްއިން އެ ފައިސާ ދައުލަތުގެ ރިޒާވްގައި ބަހައްޓައިދޭން އެދުނު ނަމަވެސް، އެކަން އެގޮތަށް ނުކޮށް، ރައްޔިތުންނަށް އެންމެ މުހިންމު ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް އެ ފައިސާ ހަރަދުކުރަން ނިންމެވީ ސަރުކާރުން އަމިއްލައަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ އިތުރުން ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ އަސާސީ ހުރިހާ ވަސީލަތްތަކެއްވެސް އީގަލް ހިލްސްއިން ގާއިމްކޮށްދޭނެއެވެ. އަދި މިކަމުގެ ބަދަލުގައި ސަރުކާރުން އެއްވެސް މާލީ އިލްތިޒާމެއް ނުވަތަ ލޯނެއް ނަގަން ނުޖެހޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މި ހައުސިން ޔުނިޓްތަކުގެ ސްޓްރަކްޗާއާއި ބޭރުގެ ފިނިޝިން މަސައްކަތްތައް 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިންމައި، ގާނޫނީ ގޮތުން ރަޖިސްޓްރީކޮށް ހަވާލުކުރެވޭވަރު ވާނެ ކަމަށާއި، އެ ތަންތަން ދޫކުރާނީ ސަރުކާރުން ކަނޑައަޅާ ހެޔޮ އަގެއްގައި ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
Ads by MACL
