އަދި އެއްފުރުސަތު ދީ.. - ރީކޯ މޫސަ
ދިވެހި ފިލްމީ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައި ތިބި، އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ ރަސްމީކޮށް އާންމުކޮށްފިއެވެ.
މި ޓްރެއިލަރާއެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރ ރީކޯ މޫސާ މަނިކުގެ މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިންގ ޓްރެއިލަރއިން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. އެގޮތުން މޫސަ ގެ އަޑުން "އަދި އެއްފުރުސަތު ދީ.." އާއި "ހަތަރު ވަނަ މީހަކާވެސް އިންނަންވީތަ..؟" ބުނާ އަޑު އިވެއެވެ. އަދި މި ޑައިލޮގު ތަކުން އެކަނިވެސް ފިލްމާއި މެދު އޮތް ޝައުގުވެރިކަން އިތުރުވެގެން ދެއެވެ. އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލަރގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެއެވެ.
މިފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއްކަމަށް ބެލެވެއެވެ.
Ads by BMLމި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ، 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލަރއިން ހާމަވެއެވެ.
މާދަމާ އޮލިމްޕަސް ސިނަމާގެ ޓިކެޓް ކައުންޓަރުން ރަސްމީކޮށް ޓިކެޓް ވިއްކަން ފަށާއިރު މިހާރުވެސް މި ފިލްމްގެ ޕްރިމިއަރ ނައިޓުގެ ޓިކެޓް ވެބްސައިޓް މެދުވެރިކޮށް ދަނީ ވެކެމުންނެވެ. އަދި 7458800 ގެ ވައިބަރ ނަންބަރ އިން އެހެނިހެން ޝޯތަކުގެ ޓިކެޓް ބުކް ކުރުމަށް ވަނީ ހުޅުވާލެވިފައެވެ. އަދި ފިލްމުގެ ޓްރެއިލަރ އާންމުކުރުމާއެކު، ޓިކެޓަށް އޮތް ޑިމާންޑް ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފައިކަން ފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން މައުލޫމާތު ދެއެވެ.
ކުލަގަދަ އިވެންޓަކާއި އެކު މި ފިލްމު ރަސްމީކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2026 ގައެވެ.
Ads by MACL
