ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތަކަންދޫގައި ހުރި ޣާޒީ ބަންޑާރައިންގެ ތަރިކަ ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެ

ހއ. ތަކަންދޫގައި ހުންނަ ތާރީޚީ ވެވު މަރާމާތުކޮށް، އެ ސަރަހައްދުގެ ވަށަފާރު ކުލަލުމާއި ބައްތި ހަރުކުރުމުގެ މަސައްކަތް ސައްތަ އިން ސައްތަ (100%) ނިންމާލާފައިވާ ރީތި މަންޒަރު. / ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

ޣާޒީ ބަންޑާރައިންގެ ތާރީޚީ އަސަރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއެކު، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ދަށުން ހއ. ތަކަންދޫގައި ކުރިއަށްދާ މުހިންމު މަސައްކަތްތަކެއް ސައްތަ އިން ސައްތަ (100%) ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ތަކަންދޫގެ އެވޭލާ ހިރިގަލުގެ މަސައްކަތްތަކާއި ތާރީޚީ ވެވު މަރާމާތްކޮށް ތަރައްޤީކުރުމުގެ ބައިން، އެ ސަރަހައްދުގެ ވަށަފާރު ކުލަލުމާއި، ފާރުގައި ބައްތި (ލައިޓް) ހަރުކުރުމުގެ އިތުރުން ކަރަންޓް ކޭބަލް ގުޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

މިއީ ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށާއި، ސަގާފީ ފަތުރުވެރިކަން ފުޅާކޮށް ރަށްރަށަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ހއ. އަތޮޅުގައި ޚާއްޞަކޮށްގެން ކުރިއަށްގެންދާ މުހިންމު އިސްނެގުމެކެވެ. މި މަޝްރޫޢުގެ ސަބަބުން ތަކަންދޫގައި ހުރި ތާރީޚީ ބިނާތަކަށް ބޭނުންވާ ރައްކާތެރިކަން ލިބި، ރަށުގެ ފަތުރުވެރިކަމަށް އިތުރު ދިރުމެއް އަންނާނެއެވެ.