ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސޫތުކުޅީ މަސް ބޯޓުތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި
ހުއްދައެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި އިންޑިއާގެ ސޫތުކުޅީ (ތޫތުކުޑީ) ގެ ދެ މަސް ބޯޓެއްގެ ވެރިން ޖުމްލަ 5.2 މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާކޮށް، ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒްއިން ބޯޓުތަކުގެ ވެރިންނަށް ޖޫރިމަނާ ނޯޓިސް ފޮނުވާފައިވަނީ ފައިސާ ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ދިނުމަށްފަހުއެވެ.
މި މައްސަލައިގައި ހިމެނޭ ބޯޓުތަކަކީ ޖުމްލަ 26 މަސްވެރިންނާއެކު މިދިޔަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ކަނޑުމައްޗަށް ނިކުތް ބޯޓުތަކެކެވެ. މި ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ.
އަދި ހުއްދައެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމާއި ލައިސެންސެއް ނެތި މަސްވެރިކަން ކުރުމުގެ ތުހުމަތުގައި، އޮކްޓޫބަރު 14 ގައި މި ބޯޓުތައް ވަނީ ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން އޮކްޓޫބަރު 27 ގައި ނެރުނު ޖޫރިމަނާ ނޯޓިސްތަކުގައިވާ ގޮތުން، ޖޫރިމަނާކޮށްފައިވަނީ "އެޑްވިން" އަދި "އެރޮން" ނަމަކަށް ކިޔާ ދެ ބޯޓުގެ ވެރިންނެވެ.
މީގެއިން ކޮންމެ ފަރާތެއް 2.6 މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މި ހާދިސާގައި އަތުލައިގަތް ތިންވަނަ ބޯޓުގެ ވެރިޔާއަށްވެސް މިފަދަ ނޯޓިހެއް ލިބުން އެކަށީގެންވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. ބޯޓުތަކުން ރާއްޖޭގެ ކަނޑުގެ ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ ތިން ކުށަކީ:
• ހުއްދައެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން.
• ލައިސެންސެއް ނެތި ރާއްޖޭގައި މަސްވެރިކަން ކުރުން.
• މަސްވެރިކަން ކުރުމުގައި މަނާ ގިއަރު ބޭނުންކުރުން.
އިދާރީ އަޑުއެހުންތަކުގައި ބޯޓުތަކުގެ ކެޕްޓަނުން މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް ބެހުނީ ކަމަށް ބުނި ނަމަވެސް، ބޯޓުގައި މަސްވެރިކަމުގެ ލޮގް ފޮތާއި ޖީޕީއެސް ރެކޯޑުތައް ނެތުމުން އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެކިވަރެއް ނެތް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކަނޑައެޅިފައިވާ 30 ދުވަހުގެ މުހުލަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ކޯޓު މެދުވެރިކޮށް ބޯޓުތަކާއި އޭގެ ސާމާނު ދައުލަތަށް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ނޯޓިސްގައި ވަނީ އިންޒާރުދީފައެވެ.
Ads by MACL
