ޤައުމީ ސިޔާދަތާއި އިސްލާމީ ވަންތަކަން ޙިމާޔަތްކޮށް، އިސްރާއީލް މީހުންނަށް ފުރުޞަތު ނުދިނުމަށް ސަލަފުން އިލްތިމާސްކޮށްފި
ރާއްޖޭގައި ހިންގާ ބޮޑެތި އިންވެސްޓްމަންޓް މަޝްރޫޢުތަކުގައި ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަމާއި ޤައުމީ ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއެކު، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެންއުޅޭ އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އެފަދަ ފުރުޞަތެއް ނުދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް ގޮވާލައިފިއެވެ.
އެ ޖަމްޢިއްޔާއިން އިލްތިމާސްކޮށްފައިވަނީ ސަރުކާރުން ވެވޭ އެއްބަސްވުންތަކަކީ ދެފުށް ފެންނަ، ރައްޔިތުންގެ މަޝްވަރާ އެކުލެވޭ އަދި އިސްލާމީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާފަދަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އެކުލަވާލެވޭ މަޝްރޫޢުތަކަކަށް ހެދުމަށެވެ.
ސަލަފުން ނެރުނު އިލްތިމާސްގައިވާ ގޮތުން، ރާއްޖޭގެ ބިމާއި ޤުދުރަތީ ވަސީލަތްތަކުގެ އިތުރުން ސަލާމަތީ އޮނިގަނޑާއި، ބަނދަރުތަކާއި، މުވާޞަލާތީ އަދި އިސްތިރާޖީ މުހިންމު ހުރިހާ ވަސީލަތްތަކުގެ މައްޗަށް ދައުލަތުގެ ފުރިހަމަ ބާރާއި ސިޔާދަތީ ޙައްޤުތައް ދެމިއޮންނަންޖެހޭނެއެވެ. އަދި ދިގު މުއްދަތުގެ އެއްބަސްވުންތަކުގެ ސަބަބުން ދައުލަތުގެ ދުސްތޫރީ އަދި ޤާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭފަދަ އެއްވެސް ޚާއްޞަ އިމްތިޔާޒެއް ނުވަތަ ޙައްޤެއް އިންވެސްޓަރުންނަށް ލިބިގެންނުވާނެކަން ކަށަވަރުކުރުމަށްވެސް އެދިފައިވެއެވެ.
Ads by BMLމީގެއިތުރުން، އެފަދަ މަޝްރޫޢެއްގެ ތެރެއިން ދިވެހި މުޖުތަމަޢުގެ އިސްލާމީ ޝަހްސިއްޔަތަށާއި ޤައުމީ ސިޔާދަތަށް ނުވަތަ މިނިވަންކަމަށް އުނިކަމެއް އަންނަފަދަ ކަމެއް ހިންގައިފިނަމަ، އެއްވެސް ބަދަލުދިނުމަކާ ނުލައި އެ ތަނެއް އަނބުރާ ދައުލަތަށް ނެގޭނެ ސަރީޙަ އުޞޫލުތައް އެއްބަސްވުންތަކުގައި ހިމެނުން މަޖުބޫރުކުރަންޖެހޭކަމަށް ސަލަފުން ފާހަގަކުރެއެވެ. އަދި ޙާލަތެއް މެދުވެރިވެގެން ބަދަލެއް ދޭންޖެހުނު ކަމުގައިވީނަމަވެސް، އެއީ ކުރިއާލައި އެނގޭ، ދައުލަތުގެ މާލިއްޔަތަށް ތަޙައްމަލުކުރެވޭފަދަ އިންޞާފުވެރި މިންވަރަކަށް ވާންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އެ ޖަމްޢިއްޔާއިން ފާހަގަކުރި ގޮތުގައި، އެ މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު އެނގި ސާފުވެގެންދާނީ އެކަމާ ގުޅޭ އެއްބަސްވުންތައް އެކުލަވާލެވި، ކަމާބެހޭ ޤާނޫނުތައް ވުޖޫދަށް އައުމުންނެވެ.
Ads by MACL
