ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަހުދީގެ ހަނދާނަށް އިޓަލީގެ އެންމެ މަތީ ޝަރަފު ދީ، އާއިލާއަށް އެހީވުމަށް ފަންޑެއް ހުޅުވައިފި

ސިފައިންގެ ސާޖެންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ / ފޮޓޯ: ޕީއެސްއެމް ނިއުސް
ސިފައިންގެ ސާޖެންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ / ފޮޓޯ: ޕީއެސްއެމް ނިއުސް

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހި ސިފައިންގެ ސާޖެންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނަށް އިޓަލީގެ އެންމެ މަތީ ޝަރަފު އެ ގައުމުން ދޭން ނިންމައިފިއެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި، މަހުދީގެ ހަނދާނަށް އެ ގައުމުން އަރުވަން ނިންމާފައިވަނީ އިޓަލީގައި ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އެވެ. މި ޝަރަފު އެރުވުމަށް ނިންމީ އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި މަހުދީ ދެއްކި އާދަޔާ ހިލާފު ހިތްވަރާއި އިންސާނިއްޔަތަށްޓަކައި ކުރި މަތިވެރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން، ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ފަންޑެއް ވެސް ވަނީ ހުޅުވާފައެވެ. މި ފަންޑަށް ފައިސާ ޖަމާކުރުމަށް ޚާއްޞަ ބޭންކް އެކައުންޓެއް ހުޅުވާފައިވާއިރު، މިއަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް މި ފަންޑަށް ފައިސާ ޖަމާކުރެވޭނެއެވެ.

އެމްބަސީން ބުނި ގޮތުގައި މި އެކައުންޓަށް ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރުމަށް ނިންމާފައިވަނީ މަހުދީގެ ޝަރުއީ ވާރިސުންނާއެވެ. މަހުދީއަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ޚިދުމަތުގެ މަތިވެރި ނަމޫނާއެއް ދެއްކެވި ބަތަލެކެވެ.