މަސްތުވާތަކެތި ކަންޓްރޯލްކުރުމަށް ފުލުހުންގެ ޚާއްޞަ ޓީމުތަކުން ތިނަދޫގައި ވަރުގަދަ އޮޕަރޭޝަނެއް ފަށައިފި
މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުން ހުއްޓުވައި އެފަދަ ޖަރީމާތަކަށް ފުރުޞަތު ނުދިނުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް ޔުނިޓުގެ ޚާއްޞަ ޓީމުތަކުން ތިނަދޫ ސިޓީގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.
މިއަދު ހެނދުނު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. ނަމަވެސް އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާތީ، އެކަމާ ގުޅޭ އިތުރު ތަފްޞީލު ފަހުން ހާމަކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ތެރެއިން، މި ހިނގާ މަހުގެ ތެރޭގައި މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ބޮޑު ނެޓްވޯކެއްވެސް ވަނީ އަތުލައިގެންފައެވެ.
Ads by BMLމީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އެފަދަ ތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ކަނޑައެޅޭނެ ފަދަ ހަރުކަށި ބަދަލުތަކެއް ޤާނޫނަށް ވަނީ ގެނެސްފައެވެ.
ތިނަދޫ ސިޓީގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް ހާމަކުރަމުންދާނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
Ads by MACL
