ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހދ. އާއި ށ. އަތޮޅާއި ކުޑަހުވަދޫގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

ހދ. އާއި ށ. އަތޮޅާއި ކުޑަހުވަދޫގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް، ހދ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ދ. ކުޑަހުވަދޫގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ޙަވާލުވެ، އެ ރަށްރަށުގައި ޚިދުމަތް ދޭން ފަށައިފިއެވެ.

މި ބަދަލާއެކު، ހދ. އަދި ށ. އަތޮޅުގައި ދެމުންދާ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް މަތިކުރުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ވަނީ ފަށާފައެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އެ ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ކަށަވަރުކޮށްދިނުމެވެ.

ސަރުކާރުގެ މި ނިންމެވުމުގެ ދަށުން ދ. ކުޑަހުވަދޫގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުގެ އިތުރުން އެ ކުންފުނީގެ އިސް ވެރިންގެ ވަފުދެއް ވަނީ އެ ރަށަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެ ރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ޑރ. ޢަލީ އަޒުވަރެވެ. މީގެ އިތުރުން ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

މި ދަތުރުފުޅުގެ ތެރެއިން ސްޓެލްކޯގެ އިސްވެރިން ވަނީ ކުޑަހުވަދޫ އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އެ ރަށުގައި ތިބި މުވައްޒަފުންނާ ބައްދަލުކުރައްވައި، މަސައްކަތުގެ މާޙައުލުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.