ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި
ރާއްޖޭގައި ޓެރަރިޒަމް އަދި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް އުފައްދާފައިވާ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފިއެވެ. މޫސާ އަލީ ޖަލީލް އެ މަގާމަށް އައްޔަންކުރެއްވިކަން ރައީސް އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި މީގެކުރިން ހުންނެވީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރެވެ. މި ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއާރުއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށްވެސް މޫސާ އަލީ ޖަލީލް ވާދަކުރައްވާފައިވެއެވެ.
ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މޫސާ އަލީ ޖަލީލަށް ދިވެހި ސަރުކާރުން ވަނީ "ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް" އަރުވާފައެވެ. އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 8 ފެބްރުއަރީ 2012 ގައެވެ.
Ads by BMLއަސްކަރީ ޚިދުމަތުން ރިޓަޔާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ކޯސްޓްގާޑުގެ ޑައިރެކްޓަރުކަމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގެ އިތުރުން ޑިފެންސް މިނިސްޓަރުކަމުގެ މަތިވެރި މަގާމުވެސް ފުރުއްވާފައެވެ
Ads by MACL
