ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރުގެ މަސްބޯޓެއް އަތުލައިގެންފި، 5 ފަޅުވެރިންނާއިއެކު މާލެ ބަނދަރަށް ގެނައުމުގެ މަސައްކަތްދަނީ ކުރަމުން

ޖޫންމަހުގެ ތެރޭގައި ދިވެހި ސިފައިން އަތުލައިގަތް މަސްބޯޓެއް: ފޮޓޯ/ ދިވެހި ސިފައިން
ޖޫންމަހުގެ ތެރޭގައި ދިވެހި ސިފައިން އަތުލައިގަތް މަސްބޯޓެއް: ފޮޓޯ/ ދިވެހި ސިފައިން

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އެގޮތުން 5 މީހުން ތިބި މި އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، މި އަހަރުގެ ޖަނަވަރީ މަހުވެސް ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އަދި މިދިޔަ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުވެސްވަނީ ރާއްޖެ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފައެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި މިމަސް ބޯޓު ލޮކޭޓްކުރީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯންގެ އެހީގައިކަމަށް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް ޑިންގީއެއްގައި އުޅުނު ބޭރު ޤައުމެއްގެ ބަޔަކުވެސް މިދިޔަ ޑިސެމްބަރުމަހު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރައްވާފައެވެ.