މާފުށްޓަށް ޒިޔާރަތްކުރި ފަތުރުވެރިއަކު އެރަށު މިސްކިތްތަކުގެ ތަރައްގީއަށް ދީލަތި އެހީއެއް ވެދީފި
ކ. މާފުށްޓަށް ޒިޔާރަތްކުރި ތުރުކީވިލާތުގެ ފަތުރުވެރިއަކު އެރަށުގެ މިސްކިތްތައް މަރާމާތުކުރުމަށް ދީލަތި މާލީ އެހީއެއް ވެދީފިއެވެ.
މާފުށީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، އެރަށަށް ޒިޔާރަތްކުރި ތުރުކީވިލާތުގެ ފަތުރުވެރިއެއް ކަމަށްވާ ފުންދާ އޮޒްކުޗޫ ވަނީ، އެރަށުގެ މިސްކިތްތަކުގެ ތަރައްގީއަށާއި މަރާމާތަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ފައިސާގެ އެހީ ކައުންސިލާ ހަވާލުކޮށްފައެވެ.
މިކަމާ ގުޅިގެން މާފުށީ ކައުންސިލުން ވިދާޅުވީ، މިސްކިތްތަކުގެ ލާބަޔާއި މަންފާއަށްޓަކައި އެ ފަރާތުން ވެދެއްވި އަގުހުރި އަދި ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
ނަމަވެސް، މި ފަތުރުވެރިޔާ އެހީގެ ގޮތުގައި ދިނީ ޖުމްލަ ކިހާ އަދަދެއްގެ ފައިސާކަން ކައުންސިލުން ހާމަކުރައްވާފައެއް ނުވެއެވެ. މާފުށްޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ، އަދި ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ.
Ads by BML
Ads by MACL
