ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްލެޓް ހުސްކުރަން އެންގި މައްސަލަ: އެކަކު ފައިސާ ދައްކަން އެއްބަސްވުމުން މައްސަލަ ނިންމާލައި، އަނެކާގެ މައްސަލަ ކޯޓަށް

ފްލެޓް ހުސްކުރަން އެންގި މައްސަލަ: އެކަކު ފައިސާ ދައްކަން އެއްބަސްވުމުން މައްސަލަ ނިންމާލައި، އަނެކާގެ މައްސަލަ ކޯޓަށް

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކައިގެން ހުސްކުރަން އެންގި ދެ ފްލެޓުގެ ތެރެއިން އެއް ފްލެޓަކުން ފައިސާ ދައްކަން އެއްބަސްވުމުން އެ މައްސަލަ ނިންމާލައި، ފައިސާ ދައްކަން ދެކޮޅު ހެދި ފްލެޓުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ކުލި ނުދައްކާތީ މި މަހުގެ 14 ވަނަ ދުވަހު އެފްޑީސީން ވަނީ އެ ދެ ފްލެޓުގެ "ޕޯޓަލް އެކްސެސް" ކަނޑާލައި، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް އަންގާފައެވެ.

މި ކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓު ހުސްކުރަން އެންގުމާ ގުޅިގެން އެތަނުން އެއް ފްލެޓުގެ ވެރިފަރާތުން ދައްކަންޖެހޭ ފައިސާ އެއްކޮށް ދެއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް، އަނެއް ފްލެޓުގެ ވެރިފަރާތުން ކުލި ދެއްކުމަށް އިންކާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުން، އެ ފްލެޓް ހުސްކުރުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަމްދާން މައުލޫމާތު ދެއްވިއެވެ.

ކުލި ނުދައްކައިގެން ހުސްކުރަން އެންގި މި ދެ ފްލެޓަކީވެސް "އަމާން ޓަވަރު" ތަކަށް މީހުން ވަން ފަހުން އެއްވެސް ވަރަކަށް ކުލި ދައްކާފައިނުވާ ދެ ފްލެޓެވެ.

މި ފިޔަވަޅާއެކު، ކުލި ނުދައްކައި ތިބި އެހެން ބައެއް ފަރާތްތަކުންވެސް ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށް އެފްޑީސީއަށް ގުޅަން ފަށާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ނުދައްކާ ހުރި ކުލިތައް އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް، ބަހާލައިގެން ފައިސާ ދެއްކޭނެ ލުއި ގޮތްތަކެއް އެފްޑީސީން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަންވެސް އެ ކޯޕަރޭޝަނުން ދެއެވެ.

އެފްޑީސީން ބުނި ގޮތުގައި، ގަވާއިދުން ކުލި ނުދައްކާނަމަ ފްލެޓް އަތުލުމުގެ ފުރިހަމަ ބާރު އެފްޑީސީއަށް ލިބިދޭ ގޮތަށް އެއްބަސްވުންތައް ހެދިފައިވާއިރު، ގަވާއިދަށް ހުރިހާ ފަރާތްތަކުންވެސް ހުރުމަތްތެރިކޮށް ހިތަންޖެހޭނެއެވެ.