ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޓަޕޯލްގެ އޮޕަރޭޝަން ސްޓޯމް މޭކަރ 4 ގެ ދަށުން މާލެއާއި ހުޅުމާލޭގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި

މާލެއާއި ހުޅުމާލޭގައި ޚާއްޞަ އޮޕަރޭޝަން / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
މާލެއާއި ހުޅުމާލޭގައި ޚާއްޞަ އޮޕަރޭޝަން / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، އިންޓަޕޯލްގެ މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ގުޅިގެން މަސައްކަތްކުރުމަށް ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ "އޮޕަރޭޝަން ސްޓޯމް މޭކަރ 4" ގެ ދަށުން ދިވެހިރާއްޖޭގައި ޚާއްޞަ އިންސްޕެކްޝަނަކާއި ރެއިޑް އޮޕަރޭޝަނެއް އިއްޔެ ހިންގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގެ ދަށުން، އިއްޔެ މާލޭގެ ބާޒާރު ސަރަހައްދާއި ނޯތު ހާބަރުން ޖުމްލަ 160 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. މި ފާސްކުރުންތަކަށްފަހު، ޤަވާއިދާ ޚިލާފުވި 9 މީހަކަށް ނޯޓިސް ދީފައިވާއިރު، އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެއިތުރުން، މި އޮޕަރޭޝަނުގެ ދަށުން ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ތަނުން 79 މީހުން ޗެކްކުރުމަށްފަހު، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި މީހުން ޓްރެފިކްކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.