ލަންކާގެ ސްޕެޝަލް ޓާސްކް ފޯސްގެ ޚާއްޞަ ތަމްރީނުތަކެއްގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޓީމެއް ފުރަނީ
ސްރީލަންކާ ޕޮލިސްގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގާ އަށް ހަފުތާގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ 36 އޮފިސަރަކު އެ ގައުމަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
މި ތަމްރީނަށް ފުރާ އޮފިސަރުންނާ ބައްދަލުކުރުމަށްޓަކައި އިސްކަންދަރު ބިލްޑިންގުގައި މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަނެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނަކީ ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުމާއި ތަމްރީނުގެ ދާއިރާއިން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، 13 އަހަރުގެ މެދުކެނޑުމަކަށްފަހު މި ތަމްރީނުގައި ދިވެހި ފުލުހުން އަލުން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ފުލުހުންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
Ads by BMLއަދި މި ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި، އެ ޤައުމުގެ ފުލުހުންނާއި އެސްޓީއެފްގެ އިތުރުން ސަފީރު މުޙައްމަދު ރިޒްވީ ޙަސަނަށް ކޮމިޝަނަރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި، ތަމްރީނުގެ މުއްދަތުގައި ސާބިތުކަމާއެކު ފުރިހަމަ ޑިސިޕްލިން އަދި ޕްރޮފެޝަނަލިޒަމް ދެއްކުމަށާއި، މުދައްރިބުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި އުނގެނުމަށް އޮފިސަރުންނަށް ބާރުއެޅުއްވިއެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ސުލޫކީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
Ads by MACL
