ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ 11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 15.912 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން މި 11 ރަށުގައި ޒަމާނީ ފެންވަރަށް މަގު ހެދުމުގެ ގޮތުން ތާރު އެޅުމާއި ސީޓީބީ (ސިމެންތި ޓްރީޓެޑް ބޭސް) އަޅައިގެން ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ރ. އިންނަމާދޫގެ 2.60 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އެޅުމާއި، އއ. ފެރިދޫގެ 2.11 ކިލޯމީޓަރުގެ 3 މަގެއްގައި ތާރު އެޅުމާއި، ށ. ބިލެތްފަހީގެ 2.46 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުމުގެ އިތުރުން ރ. ރަސްގެތީމުގެ 2.12 ކިލޯމީޓަރުގެ 6 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ބ. ދަރަވަންދޫގެ 2.55 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުމާއި، ނ. މަގޫދޫގެ 2.11 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުމާއި، ފ. ފީއަލީގެ 2.46 ކިލޯމީޓަރުގެ 10 މަގެއްގައި ތާރު އެޅުމާއި، އަދި ށ. މާއުނގޫދޫގެ 3.25 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ސީޓީބީ އާއެކު ވެލި އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ބ. ކެންދޫގެ 2.32 ކިލޯމީޓަރުގެ 6 މަގެއްގައާއި، އއ. މަތިވެރީގެ 2.35 ކިލޯމީޓަރުގެ 10 މަގެއްގެ އިތުރުން ކ. ދިއްފުށީގެ 2.36 ކިލޯމީޓަރުގެ 5 މަގެއްގައެވެ.

މި މަޝްރޫޢުތައް ނިމުމުން އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވަކިން ޚާއްސަކޮށް ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އުފުލަންޖެހޭ ދަތިތަކަށް މިކަމުގެ ސަބަބުން ދާއިމީ ހައްލެއް ލިބި، އެ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފައެވެ.