ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

މާލީ އިސްލާހީ ފިޔަވަޅުތަކާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަމާޒުހިފައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މިއީ ހިނގަމުންދާ އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

ޖުމްލަ ބަޖެޓުގެ އަދަދު ކުޑަވި ނަމަވެސް، ދައުލަތް ހިންގުމަށް ހިނގާ ރިކަރަންޓް ޚަރަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއަށްވުރެ 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދުގެ ގޮތުގައި ހިމެނޭ 42.7 ބިލިއަން ރުފިޔާގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.

އަންނަ އަހަރުގެ ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ސަރުކާރުން ދޭ އެހީއާއި ސަބްސިޑީގެ އިތުރުން އިޝްތިރާކުތަކަށެވެ. އެ ބަޔަށް 13.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މުސާރައާއި އުޖޫރައަށް 7.9 ބިލިއަން ރުފިޔާ އަދި މުވައްޒަފުންގެ އެލަވަންސްތަކަށް 6.5 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން ލޯނު ޚިދުމަތުގެ ޚަރަދަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އިސްކަންދީފައިވީ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުން ސިއްހީ ދާއިރާ ކުރިއެރުވުމަށް 10.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.