ވިހި ހަތާވީސް ބަޖެޓް: އަންނަ އަހަރުގެ ބަޖެޓު 4 ބިލިއަން ކުޑަކޮށް، ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް ދީފި
ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި، މި އަހަރަށްވުރެ 4 ބިލިއަން ރުފިޔާ ކުޑަ އަދި ސިއްހީ ދާއިރާއަށް އެންމެ އިސްކަމެއް ދީފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު ކުޑަވި ނަމަވެސް، ސަރުކާރުގެ އިސްކަންދޭ ދާއިރާތަކަށް ވަނީ ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އިޢުލާނު ކުރައްވާފައިވާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް 10.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ޖުމްލަ ބަޖެޓުގެ އަދަދު ކުޑަ ކުރި ނަމަވެސް، ދައުލަތް ހިންގުމުގެ ދާއިމީ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު ވަނީ އިތުރުވެފައެވެ. އަންނަ އަހަރުގެ ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއަށްވުރެ 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
Ads by BMLމަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށް ކުރެވޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.
އަންނަ އަހަރުގެ ރިކަރަންޓް ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ސަރުކާރުން ދޭ އެހީއާއި ސަބްސިޑީގެ އިތުރުން އިޝްތިރާކުތަކަށެވެ. އެ ބަޔަށް 13.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މުސާރައަށް 7.9 ބިލިއަން ރުފިޔާ، މުވައްޒަފުންގެ އެލަވަންސްތަކަށް 6.5 ބިލިއަން ރުފިޔާ އަދި ލޯނު ދެއްކުމާއި ޚިދުމަތުގެ ޚަރަދަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
Ads by MACL
