އަންނަ އަހަރު ޓެކުހެއް ބޮޑެއް ނުކުރާނެ: ޒަރީރު
އަންނަ 2027 ވަނަ އަހަރުގެ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެއްވެސް ޓެކުހެއް ބޮޑުނުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އާމްދަނީ އިތުރުކުރާނީ ޓެކްސް ބޮޑުކޮށްގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް (އެފިޝިއެންޓްކޮށް) ގެން ކަމަށެވެ. އެގޮތުން ޓެކްސް ދެއްކުމުން ރެކެން ހުންނަ ލޫޕްހޯލްތައް ބައްދައި، ގާނޫނުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޓެކްސް އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން 33.6 ބިލިއަން ރުފިޔާ އަކީ ޓެކްސް އާމްދަނީއެވެ.
Ads by BMLޓެކުހުގެ ނިޒާމު ޒަމާނީ ކުރުމަށްޓަކައި "އީ-އިންވޮއިސިން" ނިޒާމެއް ތައާރަފުކުރުމާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ބަޖެޓުގައި ވަނީ ހުށަހަޅާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ އެންމެ ފުރިހަމައަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
Ads by MACL
