ބަޖެޓުގެ އަމާޒަކީ 2040 ގެ ތަސައްވުރުގެ ބިންގާ އެޅުން: ޒަރީރު
އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ބިންގާ އެޅުމަށް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ހާލަތު ރަނގަޅު ކުރަން އިސްކަންދީފައިވާ ބަޖެޓެއް ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔާ ދެމެހެއްޓެނިވި މަގަކަށް ރުޖޫއަކޮށް، ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަކީ މި ޕްލޭންގެ މައިގަނޑު އަސާސް ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ 2040 ގެ ތަސައްވުރުގައި ހިމެނެނީ ޒަމާނީ އިންފްރާސްޓްރަކްޗާ، ދަތުރުފަތުރުގެ ނިޒާމު، ޒަމާނީ ސިއްހީ ހިދުމަތް، ފެންވަރު ރަނގަޅު ތައުލީމު އަދި ފުރިހަމަ އިޖުތިމާއީ ރައްކާތެރިކަން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.9 އާއި 6.8 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެއެވެ. އަދި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް 907.2 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ
Ads by BML
Ads by MACL
