ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށް ތަހުނިޔާ ދެންނެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށް ތަހުނިޔާ ދެންނެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ ބަރަކާތްތެރި މުނާސަބަތާ ގުޅިގެން، އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށާއި، ތުރުކީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި ހެޔޮއެދުމުގެ މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މުނާސަބަތަކީ އެ ޤައުމުގެ ސިޔާދަތާއި، ތަރައްޤީ އާއި، ޤައުމު ބިނާކުރުމުގެ މަތިވެރި އަސާސްތައް ދެމެހެއްޓުމުގައި އެއް ޤަރުނު ކަޑައްތުކޮށްފައިވާކަން ރަމްޒުކޮށްދޭ ތާރީޚީ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން، އެއީ ދެ ޤައުމުގެ މެދުގައި އޮތް އެކްތިރާމާއި، އެއްބާރުލުމާއި، ގާތް އެކުވެރިކަމުގެ ސަބަބުން ހާސިލުވި ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ނޮވެމްބަރު މަހު ތުރުކީވިލާތުގެ އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގެ ހަވާސާގައި ރައީސް އުރްދުޣާނާ ބައްދަލުވެވަޑައިގަންނާނެ ކަމުގެ އުންމީދު އައުކުރައްވަމުންނެވެ. އަދި އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުންތައް މުރާޖާކޮށް، އިތުރަށް ގުޅުން ބަދަހިކުރެވޭނެ އައު ދާއިރާތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ޝައުގުވެރިކަން ހުރިކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.