ތުޅާދޫ 100 ހައުސިން ޔުނިޓުގެ ވެރިފިކޭޝަން ނިމި، ޕޮއިންޓް ބެލޭނެ ގޮތް ހަދައިފި
ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ވެރިފައިކޮށް ނިމި، އެ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.
ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފޯމުތައް ވެރިފައިކޮށްފައިވަނީ ހައުސިން ޔުނިޓްތައް ދޫކުރުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށެވެ. އެހެންކަމުން، ފޯމު ހުށަހެޅި ފަރާތްތަކުން ހިޔާވެހި ޕޯޓަލަށް ލޮގިންވުމުން އެމީހަކަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް ސާފުކޮށް ފެންނަން ހުންނާނެއެވެ.
ލިބިފައިވާ ޕޮއިންޓާ މެދު ނުވަތަ މައްސަލައަކާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަންވާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް، ނޮވެމްބަރު 16 ވާ ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.
މިނިސްޓްރީން ވިދާޅުވި ގޮތުގައި ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާތަކާއި، ޕޯޓަލް ނޫން އެހެން ވަސީލަތަކުން ހުށަހަޅާ ޝަކުވާތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ވުޒާރާގެ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވޭނެއެވެ.
Ads by MACL
