ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވީއައިއޭއަށް ވޯޓުދިނުމުގެ މުއްދަތު ހަމަވަނީ

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވީއައިއޭއަށް ވޯޓުދިނުމުގެ މުއްދަތު ހަމަވަނީ
މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ސަޕޯޓްދީ ވޯޓުލުމަށް ލިބޭ އެންމެ ފަހު ފުރުސަތުގައި ބައިވެރިވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
މާދަމާގެ ނިޔަލަށް ވޯޓުލުމުގެ މުއްދަތު ހަމަވާއިރު، މިއީ ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ މައި އެއާޕޯޓުގެ ނަން ރަންއަކުރުން ފަވިގެންދިއުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި ފަހަރުގެ އެވޯޑުގައި ވީއައިއޭ ވާދަކުރަނީ "ވޯލްޑްސް ލީޑިން އެއާޕޯޓް 2026" ގެ އިތުރުން "ވޯލްޑްސް ލީޑިން އެއާޕޯޓް – ކަސްޓަމާ އެކްސްޕީރިއަންސް 2026" ކެޓަގަރީންނެވެ. ދުނިޔޭގެ ފެންވަރުގެ މި ބޮޑު އެވޯޑުތަކަށް ވާދަކުރުމުގެ ޝަރަފު ރާއްޖެއަށް ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ސަރަހައްދީ އެވޯޑު ހަފްލާގައި "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް" ގެ މަޤާމު ވީއައިއޭއިން ކާމިޔާބުކުރުމާ ގުޅިގެންނެވެ.
މި ދެ ކެޓަގަރީން ދުނިޔޭގެ އެންމެ ނަންމަޝްހޫރު އަދި ފުރިހަމަ ޚިދުމަތްތަކެއް ދެމުންއަންނަ ބޮޑެތި އެއާޕޯޓުތަކާ ރާއްޖޭގެ އެއާޕޯޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހޮންކޮންގާއި، އަބޫދާބީ އަދި ސިޑްނީ ފަދަ ސިޓީތަކުގެ ބައިނަލްއަޤްވާމީ އެއާޕޯޓުތައް ހިމެނެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށްދާއިރު، ރާއްޖެއަށް މި ފަޚުރުވެރި އެވޯޑުތައް ހޯދައިދިނުމަށްޓަކައި ވީހާވެސް ގިނަ ބަޔަކު ވީއައިއޭއަށް ވޯޓު ދިނުމަކީ އެމްއޭސީއެލްގެ ބޮޑު އެދުމެކެވެ.