މަސްތުވާތަކެތީގެ ފަރުވާއަށް އިތުރު 3 ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކުރަނީ
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތްކޮށް، މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި އަލުން އަނބުރާ ގެނައުމުގެ މަސައްކަތް ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގެ އިތުރު ތިން ސަރަޙައްދެއްގައި ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގެ ތެރެއިންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 59 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށް ބޭނުންވާ ބިންގާ އެޅުމާއެކު، އިގްތިސާދީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLއަލަށް ގާއިމުކުރެވޭ މަރުކަޒުތަކުގެ ސަބަބުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުންނަށް އަލުން ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިވެ، އާއިލީ އުފާވެރި ދިރިއުޅުމަކަށް އަނބުރާ އައުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މިވަގުތުވެސް މަސްތުވާތަކެއްޗަށް ދިގު މުއްދަތަށް ފަރުވާ ދިނުމަށް ކ. ހިންމަފުށީގެ އިތުރުން އައްޑޫ ސިޓީގައި ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަމުންދާއިރު، އެކި ސަރަހައްދުތަކުގައި ޑިޓޮކްސް ސެންޓަރުތަކުންވެސް އަންނަނީ ހިދުމަތް ދެމުންނެވެ. މީގެއިތުރުން ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަމުގައި ރީހެބިލިޓޭޝަން މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރިއަށްދާއިރު، މިދިޔަ މެއި މަހުން ފެށިގެން ފަރުވާގެ ޕްރޮގްރާމްތަކުގައި އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅުތައްވެސް ވަނީ ހިމަނާފައެވެ.
ޑިޓޮކްސް މަރުހަލާއަކީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްކުރުމަށް ދެވޭ ކުރު މުއްދަތުގެ ސިއްޙީ ފަރުވާއަކަށް ވީނަމަވެސް، ރިހެބިލިޓޭޝަން މަރުކަޒުތަކުން ފޯރުކޮށްދެނީ އެކަމުން އެއްކޮށް ސަލާމަތްވުމަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ ދިގު މުއްދަތުގެ ފަރުވާއެވެ. މިއީ އެފަދަ ފަރާތްތަކުގެ ވިސްނުމާއި ދިރިއުޅުމުގެ އާދަތަކަށް ހެޔޮ ބަދަލު ގެނެސްދީ، މުޖުތަމަޢުގައި ބޭނުންތެރި ބައެއްގެ ގޮތުގައި އަލުން ދިރިއުޅެން މަގުފަހިކޮށްދޭ މުހިންމު ފަރުވާއެކެވެ.
Ads by MACL
