ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއާއި އިންޑިއާގެ 60 އަހަރުގެ ގުޅުން: ރައްޔިތުންނަށް ހަގީގީ މަންފާއެއް!

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ބައްދަލުވުމުގެ ތެރެއިން.
/ ފޮޓޯ: ފޮރިން މިނިސްޓްރީ
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުމަކީ ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ރައްޔިތުންނަށް ޙަޤީޤީ އަދި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި މަންފާތަކެއް ގެނެސްދެމުންދާ ވަރުގަދަ ބައިވެރިވުމެއް ކަމަށް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިރުތިޝާމް މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ސަޤާފީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޞިއްޙީ، ތަޢުލީމީ އަދި އުމްރާނީ ތަރައްޤީގެ ދާއިރާތަކުން ފޯރުކޮށްދޭ އެހީތެރިކަމަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ލިބޭ ބޮޑު ބާރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރަޙައްދީ ޞުލްޙަމަސަލަސްކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ދެ ޤައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އިރުތިޝާމް ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ސަރުކާރުގެ މަތީ ފަންތީގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ