ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޒުވާނުން މާލީގޮތުން ހޭލުންތެރިކުރުވުމަށް ޕެންޝަން އޮފީހާއި އެފްޕީއޭ ގުޅިގެން "ފިއުޗަރ ފައުންޑޭޝަންސް" ސެޝަނެއް ބާއްވައިފި

ޒުވާނުން މާލީގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް / ފޮޓޯ: ޕެންޝަން އޮފީސް
ޒުވާނުން މާލީގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް / ފޮޓޯ: ޕެންޝަން އޮފީސް

މަސައްކަތުގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުންނާއި ކެރިއަރުގެ ކުރީކޮޅުގައި އުޅޭ ފަރާތްތައް ދިރިއުޅުމުގެ އެކި މަރުހަލާތަކަށް ތައްޔާރުކުރުމަށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގުޅިގެން ޚާއްޞަ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

"ފިއުޗަރ ފައުންޑޭޝަންސް" ގެ ނަމުގައި މީރުމާގައި ބޭއްވި މި ސެޝަނުގައި 19 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޒުވާނުން ބޮޑެތި މީހުންގެ ދިރިއުޅުމަށް ފަށައިގަންނައިރު، އަމިއްލަ ދިރިއުޅުމުގައާއި މާލީ ކަންކަމުގައި ވިސްނުންތެރި ނިންމުންތައް ނިންމުމަށް ބޭނުންވާނެ އަމަލީ މައުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ.

މި ސެޝަނުގެ ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ފަރާތުންނެވެ. މި ބައިގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ދުޅަހެޔޮ ގުޅުންތައް ބިނާކުރުމުގެ މައްޗަށެވެ. އެގޮތުން ދުޅަހެޔޮ މުޢާމަލާތް ކުރުމާއި، އަމިއްލަ އިމާއި ހުދޫދުތައް ކަނޑައެޅުން، އެކަކު އަނެކަކަށް އިޙްތިރާމްކުރުން އަދި އަމިއްލަ ދުޅަހެޔޮކަން ހިމެނޭހެން، ދިރިއުޅުމުގެ ޖުމްލަ ދުޅަހެޔޮކަމަށް ބާރުލިބޭ ފަދަ ނިންމުންތައް ނިންމުމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

ސެޝަނުގެ ދެވަނަ ބައިގައި، "ސެކިއޯ ޓުމާރޯ: އަންޑަރސްޓޭންޑިންގ ޕަރސަނަލް ފައިނޭންސަސް އެންޑް ޕްލޭނިންގ އެހެޑް" ގެ ދަށުން ޕެންޝަން އޮފީހުން ވަނީ އަމަލީ މާލީ މައުލޫމާތުތައް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބަޖެޓްކުރުމާއި، ދަރަންޏާއި ކްރެޑިޓް ބެލެހެއްޓުމުގެ އިތުރުން ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުން ހިމެނެއެވެ.

އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، އެއްކުރެވޭ ފައިދާ (ކޮމްޕައުންޑް ރިޓަރންސް) ގެ މަފްހޫމްތައް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ.
މީގެ އިތުރުން، ދިގު މުއްދަތުގެ މާލީ ރައްކާތެރިކަމަށްޓަކައި ޒުވާން އުމުރުގައި ކުރިއާލާ ރިޓަޔަރމަންޓަށް ރޭވުމުގެ މުހިންމުކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) އާއި ރިޓަޔަރމަންޓް ޓޫލްކިޓް ބައިވެރިންނަށް ވަނީ ތަޢާރަފްކޮށްދީފައެވެ.
ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި، ރާއްޖޭގެ އެކި އުމުރުފުރާތަކަށާއި ދިރިއުޅުމުގެ އެކި މަރުހަލާތަކަށް އަމާޒުކޮށްގެން މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ އެ އޮފީހުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

"ފިއުޗަރ ފައުންޑޭޝަންސް" ފަދަ ސެޝަންތަކަކީ ޒުވާނުން ވިސްނުންތެރި މާލީ ނިންމުންތައް ނިންމުމަށް ހިތްވަރުދިނުމަށާއި، މުސްތަޤްބަލުގެ ސަލާމަތަށްޓަކައި ކުރިއާލާ ރޭވުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ބައެއް ކަމަށް އެ އޮފީހުން ފާހަގަކުރެއެވެ.