ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޮޑިޓް އޮފީހުގެ އާ ޢިމާރާތް ބިނާކުރުމުގެ މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށް!

ހުޅުމާލޭގައި ބިނާކުރާ 6 ބުރީގެ އޮފީސް ޢިމާރާތް ފަރުމާކުރުމާއި އިމާރާތްކުރުމުގެ މަޝްރޫޢު / ފޮޓޯ: އެމްޓީސީސީ
ހުޅުމާލޭގައި ބިނާކުރާ 6 ބުރީގެ އޮފީސް ޢިމާރާތް ފަރުމާކުރުމާއި އިމާރާތްކުރުމުގެ މަޝްރޫޢު / ފޮޓޯ: އެމްޓީސީސީ
އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ބިނާކުރާ 6 ބުރީގެ އޮފީސް ޢިމާރާތް ފަރުމާކުރުމާއި އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، ފާރުތައް ރޭނުމުގެ މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ޢިމާރާތުގެ ކޮންކްރީޓް އަދި ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދާ ރޭނުމުގެ މަސައްކަތްތަކަށް ބަދަލުތައް ގެނައުމުގެ އިތުރުން، ޢިމާރާތުގެ މެކޭނިކަލް ރޫފް ޓްރަސް (ފުރާޅުގެ މަސައްކަތް) ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައްވެސް އެ ކުންފުނިން ދަނީ ވަމުންނެވެ.
މި މަޝްރޫޢަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ފަހި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށާއި، ޑޭކެއާ ސެންޓަރަކާއި، ލައިބްރަރީ އަދި ތަމްރީނުތައް ބޭއްވުމަށް ޚާއްޞަ ކޮންފަރެންސް ހޯލެއް ހިމެނޭހެން ފަރުމާކޮށްގެން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.
އެމްޓީސީސީން އަންނަނީ މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެ ކުންފުނީގެ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ހިއްސާކުރަމުންނެވެ.