ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޅ. ހިންނަވަރުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ޅ. ހިންނަވަރުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ޅ. ހިންނަވަރުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ۔

އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ގޮފި އިފްތިތާޙުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ۔ މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި ހިންނަވަރު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ۔

މި ދަތުރުގެ ތެރެއިން އެ ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް ފަށައި، އެންރޯލްވި ދަރިވަރުންނާއި ބެލެނިވެރިންނާ މަރުކަޒުގެ ވަފުދުން ވަނީ ބައްދަލުކުރައްވާފައެވެ۔ އަދި އެ ގޮފީގައި ހިންގާ ޕްރޮގްރާމްތައް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެކަން ކަށަވަރުކުރުމަށްޓަކައި ހިންނަވަރު ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ۔

މި ގޮފި ހުޅުވުމަކީ ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކޮށް، އަމިއްލަ ރަށުގައި ތިބެގެން ކީރިތި ޤުރްއާން ހިތުދަސްކުރުމާއި އުނގެނުމުގެ ފުރުޞަތު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ۔

ޤުރްއާނުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިތުރު 10 ގޮތްޕެއް ރަޖިސްޓްރީކޮށް ނިމި، ރަސްމީކޮށް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ۔ އެއީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ. މަގޫދޫ، ލ. މާވަށް، ގއ. ދާންދޫ އަދި ސ. ހިތަދޫ ގައެވެ۔

މީގެއިތުރުން، އިތުރު 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމުގެ މަރުޙަލާ މިހާރު ދަނީ ކުރިއަށެވެ۔ އެ ރަށްތަކަކީ ހއ. އިހަވަންދޫ، ޝ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކެންދޫހުޅުދޫ އެވެ۔

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ޢިލްމު ކުރިއެރުވުމަށާއި، ޤުރްއާން ހިތުދަސްކުރާ ޖީލެއް ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ۔ މިގޮތުން، ޤައުމީ ޤުރްއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން ފުރިހަމައަށް ޚަރަދުކުރެވި އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތުގެ ގޮތުގައި ހަމަޖައްސަވައި، ޙާފިޡުންނަށް ދެވޭ ޢިނާޔަތް ވަނީ ދެގުނައަށް ބޮޑުކުރައްވާފައެވެ۔ އަދި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ތަޢާރަފުކުރުމުގެ އިތުރުން، ޤުރްއާނުގެ ތަޢުލީމަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ވަޤުފް މަޝްރޫޢުތައްވެސް ވަނީ ފައްޓަވާފައެވެ۔