ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޫސްވެރިންނަށް އިންޒާރުދީ ފުރައްސާރަކުރުން މީޑިއާ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން -- ފޮޓޯ: އެމްއެމްބީސީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން -- ފޮޓޯ: އެމްއެމްބީސީ

ޚަބަރުތައް ކަވަރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި އިންޒާރުދީ، ފުރައްސާރަކޮށް ބިރުދައްކަމުންދާ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެމްއެމްބީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންނަށް އަމާޒުކޮށް ހުތުރު ބަހުރުވައިން ފުރައްސާރަކޮށް ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ދެމުންދާ ކަމުގެ މަޢުލޫމާތު ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބިރުދެއްކުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

މި ބަޔާނުގައި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މީޑިއާތަކުންވެސް ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށާއި، އަބުރަށް އުނިކަން އަންނަ ފަދަ ބަސްތަކާއި ޒާތީ ތައައްޞުބުން އެއްކިބާވެ ޒިންމާދާރުކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމަށް ހުރިހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްބީސީން މި ބަޔާން ނެރެފައިވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީއަށް ދިޔަ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ބިރުދައްކަމުންދާ މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޖޭއޭ އިން ފުލުހުންގެ ކޮމިޝަނަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ ދަތުރުގައި ބައިވެރިވި ނޫސްވެރިން އެކި ގޮތްގޮތަށް ލޭބަލްކޮށް ހިންގާ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ.