ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާއިން ތަމްރީނުވި ދިވެހިންނަކީ ދެ ގައުމުގެ ބަދަހި ގުޅުމުގެ ހަގީގީ ސަފީރުން: އިންޑިއާ ހައިކޮމިޝަން

އިންޑިއާއިން ތަމްރީނުވި ދިވެހިންނަކީ ދެ ގައުމުގެ ބަދަހި ގުޅުމުގެ ހަގީގީ ސަފީރުން: އިންޑިއާ ހައިކޮމިޝަން

އިންޑިއާގެ އެކި ޕްރޮގްރާމްތަކުގެ ދަށުން ތަޢުލީމާއި ތަމްރީނު ފުރިހަމަކޮށްގެން އެނބުރި ރާއްޖެއަށް އަންނަ ދިވެހިންނަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ދީލާލައި، ގުޅުން އިތުރަށް ބަދަހިކޮށްދޭ ހަގީގީ ސަފީރުންގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން ސިފ ކުރައްވައިފިއެވެ.

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޙަފްލާގައި ސަފީރުގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން ޑެޕިއުޓީ ހައި ކޮމިޝަނަރު ކުމާރު ގޯރަވް ވިދާޅުވީ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ޑިޕްލޮމެޓުން ތިއްބެވި ނަމަވެސް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި އެކުވެރިކަން ހަރުދަނާކޮށް ދެ ގައުމު އިތުރަށް ގާތްކޮށްދެނީ އިންޑިއާއިން ތަމްރީނު ހޯދާފައިވާ ފަރާތްތަކުން ކަމަށެވެ. އަދި އައިޓެކް ޕްރޮގްރާމްގެ ކާމިޔާބީ ވަޒަންކުރެވެނީ ދޫކުރެވޭ ސެޓްފިކެޓްތަކުގެ އަދަދުން ނޫން ކަމަށާއި، ތަމްރީނަށްފަހު އެނބުރި އައިސް ގައުމަށާއި މުޖުތަމަޢަށް ކޮށްދޭ ޚިދުމަތްތަކުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާއިން އަބަދުވެސް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން، ފާއިތުވި ހައެއްކަ އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ރާއްޖޭގެ 4,200 އަށްވުރެ ގިނަ ފަންނީ މީހުން އިންޑިއާއިން ތަމްރީނުކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ސިވިލް ސާވިސްގެ 1,269 މުވައްޒަފުންނާއި، ލޯކަލް ކައުންސިލްތަކުގެ 334 އޮފިޝަލުންނާއި، ކަސްޓަމްސްގެ 360 އޮފިސަރުންގެ އިތުރުން ޝަރުޢީ ދާއިރާގެ 323 އޮފިޝަލުން ހިމެނެއެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ދިފާޢީ ދާއިރާއިން އެމްއެންޑީއެފްގެ 1,948 އޮފިޝަލަކު ތަމްރީނުކޮށްފައިވާކަންވެސް ހާމަކުރެއްވިއެވެ.

އިންޑިއާގެ ޤަދީމީ ފަލްސަފާއަކަށް އިޝާރާތްކުރައްވައި ސަފީރު އިތުރަށް ވިދާޅުވީ، ރަޙުމަތްތެރިކަމުގެ ހަގީގީ މާނައަކީ ގައުމެއްގެ ބޮޑުމިނެއް ނޫން ކަމަށާއި، އެއީ ތިމާއަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާ އެހެން މީހުންނާ ޙިއްސާކުރުމުގެ މިންވަރު ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެނީ ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޭނުންތެރި، ދިވެހި ސަރުކާރުން އިސްކަންދޭ ދާއިރާތަކަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ޖީ. ބަލަސުބްރަމާނިއަން ވިދާޅުވީ، އިންޑިއާ އަދި ރާއްޖޭގެ މެދުގައި އޮތީ އިތުބާރާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ފިލްމު 'ޝޯލޭ' ގެ ލަވައަކަށް އަލިއަޅުއްވާލައްވައި ސަފީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމަކީ ކުރު މުއްދަތަކަށް އޮތް ގުޅުމެއް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށްވެސް މި އެކުވެރިކަން ދެމެހެއްޓުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢުއެވެ.