ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭކަމެއް: ރައީސް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ އެޕިސޯޑުގައި، ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކާއި އޭނާގެ މަންމައާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެފަދަ ފަރާތްތަކަށް ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.
މި ބައްދަލުވުމުގައި އެ ޒުވާނާ ވަނީ ތައުލީމު އުނގެނުމާއި ހާއްސަ ސެންޓަރުތައް މަދުވުމުގެ އިތުރުން، ސަރުކާރު ކުންފުންޏެއްގެ އިންޓަންޝިޕް ނިންމައި އިންޓަވިއުކުރުމަށްފަހުވެސް ވަޒީފާގެ ފުރުސަތު ނުލިބި ހަބަރެއް ނުވި މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
Ads by BMLއެ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ އިންޓަވިއުއަށްފަހު ކުންފުނިން ހަބަރެއް ނުވުމަކީ ދެރަކަމެއް ކަމަށާއި، ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސްވެރިންނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލު ފަހިކޮށްދިނުމަށް އަންގަވާފައިވާނެ ކަމަށެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޖުތަމައުގައި އެކި ސަބަބުތަކާ ހުރެ ހަވާސާވެފައިވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
Ads by MACL
