ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށް 29 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ބާއްވައިފިއެވެ.

މި ޖަލްސާގައި 59 ހިއްސާދާރުން އަމިއްލައަށް ބައިވެރިވެވަޑައިގެންނެވި އިރު، 14 ހިއްސާދާރަކު ބައިވެރިވެވަޑައިގެންނެވީ ޕްރޮކްސީ މެދުވެރިކޮށެވެ. މިއާއެކު މި ޖަލްސާގައި މުޅިއެކު ތަމްސީލުވެފައިވަނީ ޖުމްލަ 7،222،560 ހިއްސާއާއެކު ކުންފުނީގެ ހިއްސާދާރުންގެ 69.75 އިންސައްތައެވެ.

މި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރާއި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރެއްވި ބޭފުޅުންނަކީ ޗެއާޕާސަން އަލްފާޟިލާ ސަޢާދާ އިބްރާހީމް (ދަފްތަރު ނަންބަރު ރސ 14819، ކ. މާލެ)، މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީ (އަލިމަސްގެ، ހއ. ހޯރަފުށި)، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު އަލްފާޟިލް މުޙައްމަދު ޖަމްޝީދު (ވ. ލަކީސެވަން، ކ. މާލެ)، ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު އަލްފާޟިލް ޢަލީ ނާއިލް (ހ. ފަށަން، ކ. މާލެ)، ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު އަލްފާޟިލް ޔާސީން ޙުސައިން (ހުޅުމާލެ ހިޔާ 08-01-04، ކ. މާލެ)، ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު އަލްފާޟިލް މުޙައްމަދު ޢިމްރާން ޢަދުނާނު (މ. މެއިންޒް، ކ. މާލެ) އަދި ނޮން-އެގްޒެކެޓިވް ޑިރެކްޓަރު އަލްފާޟިލް ނަޞްރަތު މުޙައްމަދު (ހެޕީނައިޓް، ގއ. ވިލިނގިލި) އެވެ.

އަހަރީ އާންމު ޖަލްސާއަށްފަހު، އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުންގެ ތެރެއިން ދައުރު ހަމަވުމާ ގުޅިގެން މަގާމުން ވަކިވެވަޑައިގެންނެވީ އަލްފާޟިލް މުޙައްމަދު ޢިމްރާން ޢަދުނާނު އަދި އަލްފާޟިލް ނަޞްރަތު މުޙައްމަދެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ދެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހު، މި ޖަލްސާގައި ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ރ. ރަސްގެތީމު ހުދުވެލި، އަލްފާޟިލް ޙުސައިން ޙަސަންފުޅު (ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ) އެވެ.

މީގެއިތުރުން، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން މިވަގުތު ހުސްވެފައިވާ މަގާމަށް ޑިރެކްޓަރެއް އިންތިޚާބުކުރުމަށްޓަކައި ބާއްވާ ޚާއްސަ އާންމު ޖަލްސާއާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތުތައް ނިމުމުން އެކަން އާންމުކޮށް އިއުލާނުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި ޖަލްސާގައި ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި، 2025 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

ހަމައެއާއެކު ކުންފުނީގެ 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓާއި، 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާގެ އިތުރުން ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ހިއްސާދާރުންގެ އިއްތިފާގުން ހޮވާފައިވަނީ ޑެލޮއިޓް ޕާޓްނާސް އެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި އެ ކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ކުންފުނީގެ މާލީ ފުދުންތެރިކަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ މަންފާ އެންމެ މަތީ ދަރަޖައަކަށް ވާސިލުކޮށްދިނުމަށެވެ. އަދި ހިއްސާދާރުން ކުންފުންޏަށް ކުރައްވާ އިތުބާރަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ހަމައެއާއެކު "ރައްޔިތުންގެ ކުންފުނި" ގެ ގޮތުގައި އެމްޓީސީސީން ދަމަހައްޓަމުން އަންނަ މަތިވެރި ޝިއާރު ފަނޑުނުވެ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް ހުރިހާ މުވައްޒަފުން ކުރާނެ ކަމުގެ ޔަގީންކަމާއި، މުސްތަގުބަލުގައިވެސް އިސްތިރާޖީ ރޭވުންތަކާއި ހަރުދަނާ އުސޫލުތަކުގެ މަތިން މަސައްކަތްކޮށް ކުންފުނި އިތުރު ކާމިޔާބީތަކާ ހަމައަށް ގެންގޮސްދިނުމުގައި ބޯޑާއި މެނޭޖްމަންޓް އަދި މުވައްޒަފުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ހިއްސާދާރުންނަށް ވަނީ އަރުވާފައެވެ.