ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެކުނުގެ ރަށެއްގައި ހިންގި ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި

ދެކުނުގެ ރަށެއްގައި ހިންގި ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި

ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށާއި، އިތުރު ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އަޙްމަދު ނޫޙް ނިޔާޒެވެ.

މި މައްސަލައިގައި ހިމެނޭ އިތުރު ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، 35 އަހަރުގެ ނަޖުމުﷲ ޙަސަންގެ ބަންދަށް 45 ދުވަސް، 20 އަހަރުގެ މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރުގެ ބަންދަށް 30 ދުވަސް، އަދި 26 އަހަރުގެ މުޙައްމަދު ޞާލިޙު އަޙްމަދާއި 32 އަހަރުގެ އަޙްމަދު ޞާނިޖު ޞާދިޤުގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

މިއީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާތީ، ތަހުގީގުގެ ކަންކަން ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން މާލެއިން ހާއްސަ ފުލުހުންގެ ޓީމެއް ވަނީ އެ ރަށަށް ގޮސް މައްސަލައިގެ ތަހުގީގު ފަށާފައެވެ.

ރާއްޖޭގައި ޖިންސީ ކުށްތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 272 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 227 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.