ބާކީ އެންމެ 15 ލަނޑު! ރޮނާލްޑޯގެ ތޫފާނީ ހެޓްރިކާއެކު އަލް ނަސްރުން އަލް ޚުލޫދު ކަކޫޖައްސައިފި
ސައޫދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ 15 މިނެޓު ތެރޭގައި ކާމިޔާބުކުރި ހެޓްރިކާއެކު، އަލް ޚުލޫދު އަތުން 5-3 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރުން މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ.
މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑާއެކު ރޮނާލްޑޯގެ ކެރިއަރުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު މިހާރު ވަނީ 985 އަށް އަރައި، އޭނާ ހާސިލުކުރަން އަމާޒުހިފާފައިވާ ތާރީޚީ 1,000 ލަނޑުގެ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލާފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އަލް ޚުލޫދުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން އަލް ނަސްރަށް ވަރުގަދަ ކުރިމަތިލުމެއް ދީފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި ޖޫލިއަން ޑޮމިންގޭޒް އަލް ޚުލޫދަށް ކުރިހޯދައިދީފައި ވަނިކޮށް، 24 ވަނަ މިނެޓުގައި އޭންޖެލޯ ވަނީ އަލް ނަސްރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން 38 ވަނަ މިނެޓުގައި ސަދިއޯ މާނޭ އަލް ނަސްރަށް ލީޑު ނަގައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންޓޮއިން ލޮއިކް އެސޮމްބާ ވަނީ އަލް ޚުލޫދަށް ނަތީޖާ 2-2 އަށް ބަދަލުކޮށްދީފައެވެ.
Ads by BMLދެވަނަ ހާފުގައި މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލީ ކެޕްޓަން ރޮނާލްޑޯއެވެ. އޭނާ ވަނީ މެޗުގެ 66، 72 އަދި އޭގެ އިރުކޮޅެއް ފަހުން ލަނޑުތައް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގައި އަލް ޚުލޫދުގެ ޑޮމިންގޭޒް ޕެނަލްޓީއަކުން ލަނޑެއް ޖެހި ނަމަވެސް، އަލް ނަސްރުން ވަނީ މެޗު ކާމިޔާބުކޮށް ތާވަލުގެ ކުރިއަށް ޖެހިލާފައެވެ. މި މޮޅާއެކު އަލް ނަސްރު ވަނީ ކުޅުނު 11 މެޗުން 28 ޕޮއިންޓް ހަމަކޮށްފައެވެ.
Ads by MACL
