10 އަހަރުތެރޭ ރަސްމާލެއަށް ފުރިހަމަ ސިޓީއެއްގެ ސިފަ އަންނާނެ: ރައީސް ޑރ. މުޢިއްޒު
ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ރަސްމާލެއަށް ފުރިހަމަ ސިޓީއެއްގެ ސިފަ އަންނަވަރަށް އެތަނުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގެ 1,150 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު އަބޫދާބީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫޢަކީ މުޅި ރަސްމާލޭގެ ތަރައްޤީއާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މި އިންވެސްޓްމަންޓާއެކު ބޭރުގެ އެހެން ކުންފުނިތަކުން ވެސް ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ މަޝްރޫޢުތައް ހިންގަން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި ރަސްމާލެއިން ގޯއްޗަށް ހުށަހަޅާފައިވާ ޝަރުތުހަމަވާ އެންމެންނަށް ގޯތި ދެވޭވަރަށް އެތަނުގައި ބިން އެބައޮތް ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ރަސްމާލެއަކީ އިންޑިއާ ކަނޑުގައި ބިނާކުރާ ފުރަތަމަ "ޒީރޯ ކާބަން" ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީއަށް ހެދުމަށެވެ.
Ads by BML
Ads by MACL
