ޒުވާނުންގެ މެދުގައި ބޮޑުގޮހޮރުގެ ކެންސަރު އިތުރުވާ ސަބަބު ސައިންސްވެރިން ހޯދައިފި
އުމުރުން 50 އަހަރުން ދަށުގެ ޒުވާނުންގެ މެދުގައި ބޮޑުގޮހޮރުގެ ކެންސަރު (ކޮލޮރެކްޓަލް ކެންސަރު) ހަލުވިކަމާއެކު އިތުރުވަމުންދާ ސަބަބާއި، މި ބަލި ޒުވާނުންގެ ހަށިގަނޑުގައި ނުރައްކާތެރި މިންވަރަކަށް ފެތުރެން މެދުވެރިވާ ސަބަބު ސައިންސްވެރިން ހޯދައިފިއެވެ.
މި މުހިންމު ހޯދުން ހޯދާފައިވަނީ އެމެރިކާގެ ބޮޑުގޮހޮރުގެ ކެންސަރު ދިރާސާކުރާ "ޑާނާ-ފާބާ ކެންސަރ އިންސްޓިޓިއުޓް" އާއި "މޭސް ޖެނެރަލް ބްރިގަމް" ގެ ދިރާސާވެރިން ގުޅިގެން ކުރިއަށްގެންދިޔަ ސައިންސީ ދިރާސާއަކުންނެވެ.
މަޝްހޫރު "ނޭޗަރ މެޑިސިން" ޖަރނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ޒުވާން އުމުރުގައި ޖެހޭ ބޮޑުގޮހޮރުގެ ކެންސަރާއި ދުވަސްވީ މީހުންނަށް ޖެހޭ މިފަދަ ކެންސަރާ ދެމެދު ޖެނެޓިކް އަދި ސެލްތަކުގެ ފެންވަރުގައި ސަރީޙަ ތަފާތުތަކެއް ހުރެއެވެ.
Ads by BMLސައިންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި، ޒުވާނުންގެ ހަށިގަނޑުގައި އުފެދޭ ކެންސަރު ސެލްތަކުގެ ޖެނެޓިކް އަދި ސެލިއުލަރ އުފެދުމުގައި ހުންނަ މި ޚާއްޞަ ތަފާތުތަކުގެ ސަބަބުން، މި ބަލި އަވަހަށް ފެތުރި، ވަރަށް ނުރައްކާތެރި މިންވަރަކަށް ބަދަލުވެގެންދެއެވެ.
މިއީ އުމުރުން 50 އަހަރުން ދަށުގެ މީހުންގެ މެދުގައި ބޮޑުގޮހޮރުގެ ކެންސަރު އާންމުވަމުންދާ ސަބަބު ދެނެގަތުމަށް ލިބުނު ވަރަށް ތާރީހީ އަދި މުހިންމު ކާމިޔާބީއެކެވެ. މި ހޯދުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ކެންސަރު ޖެހުން އިތުރުވާ ސަބަބު ސާފުވެ، ކުރިއަށް އޮތް ތަނުގައި މިފަދަ ބަލިތައް ކުރީކޮޅު ދެނެގަނެ، ޒުވާނުންނަށް ހާއްސަ އަދި ނަތީޖާ ނެރެވޭފަދަ ފަރުވާތައް ދިނުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެއެވެ.
Ads by MACL
