ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޅިން ބިރުދައްކައި މަރުގެ އިންޒާރުދިން މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މާލޭގައި ހުންނަ ކްރިމިނަލް ކޯޓުގެ ބޭރު: ----- ފޮޓޯ ކްރެޑިޓް: ސަން ފޮޓޯ
މާލޭގައި ހުންނަ ކްރިމިނަލް ކޯޓުގެ ބޭރު: ----- ފޮޓޯ ކްރެޑިޓް: ސަން ފޮޓޯ

ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެއް ސާބިތުވެ، މާލޭ މ. ދާރުލްޤަރާރު، އިސްމާއީލް ވިޝާލް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 750,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2025 ސެޕްޓެންބަރު 14 ވަނަ ދުވަހު މާލޭގެ އަސުރުމާގޯޅިން ހިނގާފައި ދިޔަ ނ. ލަންދޫއަށް ނިސްބަތްވާ މީހެއްގެ ފަހަތުން ގޮސް، ވަޅިއެއް ބޭނުންކޮށްގެން އޭނާއަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެކެވެ.

ދައުލަތުން ވިޝާލްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގައެވެ.

މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި އަނިޔާ ލިބުނު ފަރާތާއި އިތުރު ހެކިވެރިޔަކު އެއްބާރުލުން ނުދޭ ހެކިންގެ ގޮތުގައި ކަނޑައަޅަން ޖެހުނު ނަމަވެސް، ފުލުހުންގެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި، ސީސީޓީވީ ފުޓޭޖްތަކުގެ އިތުރުން ސިއްރު ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް، އެ އަމަލު ހިންގީ ވިޝާލްކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޟީ އިބްރާހީމް ޛިހުނީ އިއްވެވި މި ހުކުމުގައި، ވިޝާލް މި މައްސަލައިގެ ތަހުގީގަށާއި ޝަރީޢަތަށް ބަންދުގައި ހޭދަކުރި 4 މަހާއި 11 ދުވަސް ޖަލު އަދަބުން އުނިކުރުމަށްފަހު، އޭނާ ތަންފީޒުކުރަންޖެހޭ ޖަލު މުއްދަތަކީ 9 އަހަރާއި 7 މަހާއި 19 ދުވަސް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މި މައްސަލައިގެ އިތުރުން ވެސް، އެހެން މައްސަލައެއް ސާބިތުވެގެން ވިޝާލް މިހާރު ވެސް ދަނީ ތަންފީޛީ ބަންދެއް ފުރިހަމަކުރަމުންނެވެ.