އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން އަހަރީ ޖަލްސާއިން ފާސްކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މޫނުމަތީ އަގު ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ޖުމްލަ 59 ހިއްސާދާރުން ބައިވެރިވިއިރު، ޕްރޮކްސީއާއެކު ކުންފުނީގެ ހިއްސާގެ 69.75 އިންސައްތަ ވަނީ ތަމްސީލުވެފައެވެ.
މި ޖަލްސާއާ އެކު، އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު މުހައްމަދު އިމްރާން އަދުނާނާއި ނޮން-އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މހައްމަދުގެ ދައުރު ހަމަވުމުން ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.
Ads by BMLއަދި ހުސްވި ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރުގެ މަގާމަށް ހުސައިން ހަސަންފުޅު އައްޔަނުކޮށްފައިވާއިރު، އަނެއް ހުސް މަގާމަށް މީހަކު އިންތިހާބުކުރުމަށް ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ އިޖުރާއަތްތައް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، މި ޖަލްސާގައި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބުތަކުގެ އިތުރުން ހިންގާ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ވަނީ ފާސްކޮށްފައެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕާޓްނާސް ވަނީ ހޮވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ.
Ads by MACL
