ޢާއިލާ ރޫޅި، ބަރަކާތް ކެނޑެނީ ކީއްވެ؟ ރަހިމުގެ ގުޅުމާ މެދު ވިސްނާލުން މުހިންމު!
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މިއަދު މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދުވަހުން ދުވަހަށް ދަށްވެ، ޢާއިލާގެ ތެރޭގައި އޮންނަންޖެހޭ ގުޅުންތައް ކެނޑި ޢާއިލާތައް ރޫޅެމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ. އަދި މިކަންކަން އިޞްލާޙުކުރަން މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ބޮޑުވަމުން އަންނަ ކުދިން ތަރުބިޔަތުކުރެވޭ ގޮތާއި ދެވޭ ތަޢުލީމުކަން ފާހަގަކޮށް ހުތުބާގައި ބުނީ، ކޮންމެ ކުއްޖަކުވެސް ބައްޓަންވަނީ އެކުއްޖަކު ގެންގުޅެ ބޮޑުކުރާ ގޮތަކުން ކަމަށެވެ. އެހެންކަމުން ދަރިންނަށް ދީނީ ކަންކަން ދަސްކޮށްދިނުމާއެކު، މައިންބަފައިންނަށް ކިޔަމަންގަތުމަށާއި ގާތްތިމާގެ މީހުން ކޮބައިކަން ބުނެދީ، އެމީހުންނާ ގުޅުން ބަދަހިކުރަން ދަސްކޮށްދޭންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
Ads by BMLއިސްލާމްދީނުގައި ޢާއިލީ ގުޅުންތަކުގެ ތެިން އެންމެ މުހިންމު ގުޅުމަކީ ރަހިމުގެ ގުޅުންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެއް ކަމަށެވެ. މިގޮތުން "ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެ" ކަމަށް މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅު ހުތުބާގައި ހަނދާންކޮށްދިނެވެ.
ހުތުބާގައި އިތުރަށް ބުނީ، ދަރިންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ ބަޔަކަށް ހެދޭނީ ހަމައެކަނި ތަޢުލީމުން ނޫން ކަމަށާއި، ތަޢުލީމާއެކު އިސްލާމީ އަދަބުތަކަށް ހުރުމަތްތެރިކޮށްހިތާ ރަނގަޅު ތަރުބިޔަތެއް ވެސް ދީގެން ކަމަށެވެ. އަދި މިކަމުގައި މައިންބަފައިން ދަރިންނަށް ރިވެތި ނަމޫނާއަކަށް ވާންޖެހޭނެ ކަމަށް ވެސް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
Ads by MACL
