ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކްރެޑިޓް ކާޑަކަށް ފައިސާ ނުދައްކައިގެން ޓިކްޓޮކް ތަރި އެމްޓީޕީއަށް ހުކުމްކޮށްފި

"އެމްޓީޕީ" ގެ ނަމުން މަޝްހޫރުވެފައިވާ މއ. ފޮގެޓްމީނޮޓް، ޢަބްދުﷲ ޒިޔާމް
"އެމްޓީޕީ" ގެ ނަމުން މަޝްހޫރުވެފައިވާ މއ. ފޮގެޓްމީނޮޓް، ޢަބްދުﷲ ޒިޔާމް

‏ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަކަށް ފައިސާ ނުދައްކައިގެން، ‏‏ޓިކްޓޮކްގައި "އެމްޓީޕީ" ގެ ނަމުން މަޝްހޫރުވެފައިވާ މއ. ފޮގެޓްމީނޮޓް، ޢަބްދުﷲ ޒިޔާމްގެ މައްޗަށް އެ ފައިސާ ‏‏ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.‏

‏ބީއެމްއެލްގެ ފަރާތުން ޒިޔާމްގެ މައްޗަށް ދަޢުވާކުރީ، ކްރެޑިޓް ކާޑުގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ‏‏ކާޑުން ކުރި މުޢާމަލާތްތަކުގެ ފައިސާއާއި، އިންޓްރެސްޓާއި، ޖޫރިމަނާ އަދި ރިކަވަރީ ފީ ހޯދުމަށެވެ. މި މައްސަލައާ ‏‏ގުޅިގެން ކޯޓުން ދަޢުވާގެ ލިޔެކިޔުންތައް ޒިޔާމަށް ރައްދުކުރި ނަމަވެސް، އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުވަތަ ‏‏ދިފާޢެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ނިންމާފައިވަނީ ޒިޔާމްގެ ޣައިރުޙާޟިރުގައެވެ.‏
‏ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކްރެޑިޓް ކާޑުގެ ޝަރުޠުތަކާއި ފީތަކަށް ޒިޔާމް އެއްބަސްވެފައިވާކަން ‏‏ލިޔުންތަކުން އެނގެން އޮވެއެވެ. އަދި 28 އޮކްޓޯބަރު 2026 އާ ހަމައަށް، އިންޓްރެސްޓާއި ޖޫރިމަނާއާއެކު އޭނާ ‏‏ދައްކަންޖެހޭ ފައިސާގެ ޢަދަދު ވަނީ 8,536.21 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 1.3 ލައްކަ ރުފިޔާ) އަރާފައެވެ. ‏‏މީގެއިތުރުން ރިކަވަރީ ފީގެ ގޮތުގައި 5,000 ރުފިޔާ ނަގައިދިނުމަށް ވެސް ބޭންކުން ވަނީ އެދިފައެވެ.‏

‏މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ ސިނާން ޢަލީ ކުރެއްވި ޙުކުމުގައި ވަނީ، ޒިޔާމްގެ މައްޗަށް މި ދަޢުވާ ސާބިތުވާ ‏‏ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ކާޑަށް ދައްކަންޖެހޭ 8,536.21 އެމެރިކާ ޑޮލަރާއި، އިތުރަށް އަރަމުންދާ ‏‏އިންޓްރެސްޓާއި ޖޫރިމަނާގެ އިތުރުން ރިކަވަރީ ފީއަށްވާ 5,000 ރުފިޔާ، 28 އޮކްޓޯބަރު 2026 އިން ފެށިގެން 06 ‏‏މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ބީއެމްއެލްއަށް ދައްކައި ޚަލާސްކުރުމަށް ޒިޔާމްގެ މައްޗަށް ވަނީ ‏‏އަމުރުކޮށްފައެވެ.‏