ކީއްވެ؟ ގެ ޓްރެއިލަރާއެކު އޮލިމްޕަސް ކައުންޓަރު ހުޅުވައި ޓިކެޓް ވިއްކަން ފަށައިފި
ދިވެހި ސިނަމާގެ މަގުބޫލު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ ސްލޭމް ސްޓޫޑިއޯ، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކުރުމަށްފަހު، ފިލްމުގެ ޓިކެޓް ރަސްމީކޮށް ވިއްކަން ފަށައިފިއެވެ.
މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ތިއޭޓަރުގެ ޓިކެޓް ކައުންޓަރުންނާއި، ސެޓާން ސްޓޫޑިއޯގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައްލަވައިގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ފިލްމުގެ ޓްރެއިލަރ އާންމުކުރުމާއެކު ބެލުންތެރިންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާއިރު، މިއީ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ އެތައް ހާއްސަކަމެއް އެކުލެވޭ އުފެއްދުމެކެވެ. އެގޮތުން، ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރު ރީކޯ މޫސާ މަނިކު 25 އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމެއްގެ ލީޑް ރޯލުން ފެނިގެންދާއިރު، ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފް ވެސް 20 އަހަރަށްފަހު ޑައިރެކްޝަނަށް އެނބުރި އައީ މި ފިލްމުންނެވެ.
Ads by BMLއާއިލީ ގުޅުންތަކާއި، ލޯބީގެ ހަގީގަތްތަކުގެ އިތުރުން ދިރިއުޅުމުގެ މެދުއުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލާފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން މޫސަގެ އިތުރުން ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފަދަ ތަޖުރިބާކާރު ތަރިން ފެނިގެންދާނެއެވެ.
ޓިކެޓް ވިއްކަން ފެށުމާއެކު ބޮޑު ޑިމާންޑެއް ލިބެމުންދާ މި ފިލްމު ބޮޑު އަދި ކުލަގަދަ އިވެންޓަކާއެކު ރަސްމީކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
Ads by MACL
