ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިއްދޫ ރޯހައުސްތަކުގެ މަސައްކަތް ނިމިއްޖެ؛ 75 ޔުނިޓަށް 1،100 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

ހއ. ދިއްދޫގައި އަލަށް އިމާރާތްކޮށް ހުރިހާ މަސައްކަތްތަކެއް ނިންމާލާފައިވާ ދެ ބުރީގެ ރޯހައުސްތައް ފެންނަ މަންޒަރެއް ---- ފޮޓޯ: ޕީއެސްއެމް ނިއުސް
ހއ. ދިއްދޫގައި އަލަށް އިމާރާތްކޮށް ހުރިހާ މަސައްކަތްތަކެއް ނިންމާލާފައިވާ ދެ ބުރީގެ ރޯހައުސްތައް ފެންނަ މަންޒަރެއް ---- ފޮޓޯ: ޕީއެސްއެމް ނިއުސް

ދިއްދޫގައި އިމާރާތް ކުރަން ފެށި 75 ރޯހައުސްގެ ހުރިހާ މަސައްކަތްތަކެއް ނިމި، ހައުސިންގ މިނިސްޓްރީން އެތަންތަނުގެ އިންސްޕެކްޝަން މަސައްކަތްތައް ކުރިއަށް ގެންގޮސްފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ދިއްދޫގެ މި މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، ނިމުނު 75 ރޯހައުސްއަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 1،100 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ މި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުން ކަނޑައެޅުމުގެ މަރުހަލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިއްދޫގެ އާބާދީގައި 5،000 މީހުން އުޅޭއިރު، ތަޢުލީމާއި ޞިއްޙީ ފަރުވާ ހޯދުމަށް އެރަށަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު ރަށުގެ އާބާދީ 7،000 އަށް ވުރެ މައްޗަށް އަރައެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން ކުރިއަށްގެންދިޔަ މި ހައުސިންގ މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ ރޯހައުސްތަކެކެވެ. ކޮންމެ ރޯހައުސްއެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމެއް ހިމެނެއެވެ.

މީގެކުރިން 2008 ވަނަ އަހަރުވެސް ދިއްދޫގެ ބިން ހިއްކައިގެން 250 ރޯހައުސް ދޫކޮށްފައިވާއިރު، ދާދިފަހުން އެރަށުން ހިއްކި 112 ހެކްޓަރުގެ ބިމުގައިވެސް ކުރިއަށް އޮތް ތަނުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.