ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބައިނޭންސް ހެކްކޮށް 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި: ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު ސައިބާ ވައްކަން

ކެޕްޝަން:
ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް އަށް ދިން ސައިބާ ހަމަލާއެއްގައި 6.3 ބިލިއަން ޑޮލަރު ވަނީ ވަގަށް ނަގާފައި.
 ------ ފޮޓޯ ކްރެޑިޓް: އިންޑިއާ ޓައިމްސް
ކެޕްޝަން: ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް އަށް ދިން ސައިބާ ހަމަލާއެއްގައި 6.3 ބިލިއަން ޑޮލަރު ވަނީ ވަގަށް ނަގާފައި. ------ ފޮޓޯ ކްރެޑިޓް: އިންޑިއާ ޓައިމްސް

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް ހެކްކޮށް، ގާތްގަނޑަކަށް 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ކްރިޕްޓޯކަރަންސީ ވަގަށް ނަގައިފިއެވެ. މިއީ ސައިބާ ވައްކަމުގެ ތާރީހުގައި ވެސް މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ.

މި ހާދިސާއާ ގުޅިގެން ބައިނޭންސް އިން ވަނީ އެ އެކްސްޗޭންޖްގައި ފައިސާ ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ކުންފުނީގެ އިބްތިދާއީ ތަހުގީގުން ދައްކާ ގޮތުގައި، ހެކަރުން މި ހަމަލާ ދީފައިވަނީ ބައިނޭންސްގެ އިންޖިނިއަރެއްގެ ލެޕްޓޮޕް މެދުވެރިކޮށް، ސާވިސް ކޮންޓެއިނަރަކަށް ވަދެގެންނެވެ.

ހަމަލާގެ މައުލޫމާތު ލިބުމާއެކު ބައިނޭންސް އާއި ބްލޮކްޗެއިން ސެކިއުރިޓީ އިދާރާތަކުން ގުޅިގެން ކުރި އަވަސް މަސައްކަތުން، ވަގަށް ނެގި ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ފްރީޒް ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އަދި މި ހާދިސާގެ ސަބަބުން ކަސްޓަމަރުންނަށް ލިބުނު ހުރިހާ ގެއްލުމެއް ކުންފުނީގެ އަމިއްލަ ފަންޑުތަކާއި، ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ރިޒާވް ބޭނުންކޮށްގެން ފުރިހަމައަށް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ބައިނޭންސުން ވަނީ ދީފައެވެ.

ބައިނޭންސްގެ ކޯ-ފައުންޑާ ޔީ ހޭ ވިދާޅުވީ، ސެކިއުރިޓީ ސިސްޓަމްތައް އިތުރަށް ވަރުގަދަކުރުމަށްފަހު، ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ނިޔަލަށް ފައިސާ ނެގުމުގެ ހިދުމަތް އަލުން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބްލޮކްޗެއިން އިންޓެލިޖެންސް އިދާރާއެއް ކަމަށްވާ "ޓީއެމްއާރް ލެބްސް" އިން ހާމަކުރި ގޮތުގައި، މި ހަމަލާގެ ފަހަތުގައިވަނީ އުތުރު ކޮރެއާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ ލެޒަރަސް ގްރޫޕުގެ އެލީޓް ޔުނިޓެއް ކަމަށްވާ "ޓްރޭޑް ޓްރެއިޓާ" އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އުތުރު ކޮރެއާއިން މިފަދަ ސައިބާ ވައްކަންތަކުން ހޯދާ ފައިސާ ބޭނުންކުރަނީ ހަތިޔާރު އުފެއްދުމަށާއި ބައިނަލްއަގުވާމީ ގޮތުން އެގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުން ބޭރުން ފައިސާ ހޯދުމަށެވެ.

މި މައްސަލައިގައި އދ. ގައި ހުންނަ އުތުރު ކޮރެއާގެ މިޝަނުން ސީއެންއެން އަށް އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މީގެ ކުރިން ކުރެވުނު މިފަދަ ހުރިހާ ތުހުމަތުތަކަކަށް އުތުރު ކޮރެއާއިން ވަނީ އިންކާރުކޮށްފައެވެ.
މި ހަބަރާއެކު ކްރިޕްޓޯ މާކެޓަށް ބޮޑު ލޮޅުމެއް އައިސް، ބިޓްކޮއިން ގެ އަގު 5 އިންސައްތަ ދަށަށް ގޮސް، ފާއިތުވި މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް 77,000 އެމެރިކާ ޑޮލަރަށް ވުރެ ދަށަށް ވެއްޓުނެވެ. ނަމަވެސް ފަހުން މާކެޓްގެ އަގުތައް ވަނީ ކުޑަކޮށް ހަމައަކަށް އެޅެން ފަށާފައެވެ.

މީގެ ކުރިން ކްރިޕްޓޯ ތާރީހުގައި ހިންގި އެންމެ ބޮޑު ވައްކަމަކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބައިބިޓް  އެކްސްޗޭންޖުން ވަގަށް ނެގި 1.5 ބިލިއަން ޑޮލަރެވެ. ބައިނޭންސަށް މިފަހަރު ދިން ހަމަލާއަކީ އޭގެ ހަތަރު ގުނަ ބޮޑު ހަމަލާއެކެވެ.