ލަވަކިޔުންތެރިޔާ "ޕްރިންސް" ކަމަށް ހީކޮށް ޕްރިންސް ވިލިއަމްއާ ސުވާލުކުރި ޒުވާނާ މާފަށް އެދިއްޖެ!
ލަވަކިޔުންތެރިޔާ ޕްރިންސް ކަމަށް ހީކޮށް ޕްރިންސް ވިލިއަމްއާ ސުވާލުކުރި ޒުވާނާ މާފަށް އެދިއްޖެ
ލަވަކިޔުންތެރިޔާ ޕްރިންސް ކަމަށް އޮޅިގެން، އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމްއާ ސުވާލުކުރި ޒުވާނާ އެކަމަށްޓަކައި ރަސްމީކޮށް މާފަށް އެދިއްޖެއެވެ.
މި މަޖާ ހާދިސާ ހިނގާފައިވަނީ މި މަހުގެ 6 ވަނަ ދުވަހު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ތަމްރީނުދޭ ސަމަސެޓްގެ "ސްވީޓް ސަޕްރައިޒް" ކެފޭއަށް ޕްރިންސް ވިލިއަމް ކުރެއްވި ޒިޔާރަތެއްގައެވެ. އުމުރުން 44 އަހަރުގެ ޕްރިންސް ވިލިއަމް މި ހާދިސާގެ ތަފްސީލު ހާމަކުރެއްވީ ދާދިފަހުން "ދަ ގްރަހަމް ނޯޓަން ޝޯ" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ވިލިއަމް ވިދާޅުވި ގޮތުގައި، އެ ކެފޭގައި ހުރި ޒުވާނަކު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު "ކޮން އިރަކުތޯ ލަވަކިޔަން ފަށާނީ؟" މިހެން އަހާފައެވެ. އަދި އޭނާ ބޭނުންވީ މަޝްހޫރު ލަވަކިޔުންތެރިޔާ ޕްރިންސްގެ މަގްބޫލު ލަވަ "ޕާޕަލް ރެއިން" ވިލިއަމް ކިޔައިދެއްވުމަށެވެ. ނަމަވެސް އެ ވަގުތު އޭނާގެ ކައިރީގައި ހުރި އަންހެން މީހާ، އެއީ ލަވަކިޔުންތެރިޔާ ޕްރިންސް ނޫންކަން ބުނެދިން ކަމަށް ވިލިއަމް ކިޔައިދެއްވިއެވެ.
Ads by BMLމި ސުވާލުކުރި ޒުވާނާއަކީ ހެދިބޮޑުވުމާއި އުނގެނުމަށް އަސަރުކުރާ ނާދިރު ޖެނެޓިކް ބައްޔެއް ކަމަށްވާ "ރުބިންސްޓައިން-ޓޭބީ ސިންޑްރޯމް" ހުންނަ، އުމުރުން 22 އަހަރުގެ ސެބަސްޓިއަން ސްމިތު ނަމަކަށް ކިޔާ ޒުވާނެކެވެ.
އޭނާގެ މަންމަ ކްލެއާ "ދަ ސަން" ނޫހަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ސެބަސްޓިއަންއަކީ ލަވަކިޔުންތެރިޔާ ޕްރިންސްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި އޭނާއަށް ޕްރިންސް ވިލިއަމްއަކީ ކާކުކަން ނޭނގުނު ނަމަވެސް، ލަވަކިޔުންތެރިޔާ ޕްރިންސްގެ ހުރިހާ ލަވަތަކެއް ހިތުދަސްކަމަށް އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ސެބަސްޓިއަން ވަނީ ޕްރިންސް ވިލިއަމްއަށް ހާއްސަ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެތަނަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރުމުގެ އިތުރުން، ހިނގާދިޔަ އޮޅުމަށް އޭނާ ވަނީ މާފަށް އެދިފައެވެ.
އާންމުކޮށް ރަސްމީ ހަފުލާތަކުގައި ލަވަކިޔާ ބޭފުޅަކަށް ޕްރިންސް ވިލިއަމް ނުވި ނަމަވެސް، 2013 ވަނަ އަހަރު ކެންސިންޓަން ޕެލެސްގައި ބޭއްވި ޗެރިޓީ ހަފުލާއެއްގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް އަދި ޖޯން ބޮން ޖޯވީއާއެކު އޭނާ ވަނީ "ލިވިން އޮން އަ ޕްރޭޔަ" ލަވަ ކިޔުއްވާފައެވެ.
Ads by MACL
