ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރ. އަތޮޅުގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން ރަސްމީކޮށް ---- ފޮޓޯ: ސްޓެލްކޯ
ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން ރަސްމީކޮށް ---- ފޮޓޯ: ސްޓެލްކޯ

ރާއްޖޭގެ އަތޮޅުތަކުގެ އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން، ކުރިން ފެނަކަ ކޯޕަރޭޝަނުން އެ އަތޮޅުގައި ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް އެޅި ފިޔަވަޅެކެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން އެ އަތޮޅުގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށް ދިނުން،" ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.

ހިންގުމުގެ ޚަރަދު ކުޑަކޮށް، ލާމަރުކަޒީ އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެނަކަ އުވާލައި، އެ ކުންފުނީގެ އޮޕަރޭޝަންތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލާއެކު ސްޓެލްކޯއިން މިހާރު ވަނީ ރާއްޖޭގެ ބޮޑެތި ސިޓީތައް ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ތިނަދޫ ސިޓީގެ އިތުރުން ހދ. އަތޮޅާއި ށ. އަތޮޅުގެ ޚިދުމަތްތަކާވެސް ހަވާލުވެފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، ފެނަކައިން ކުރިން އަސާސީ ޚިދުމަތް ދެމުން އައި ރަށްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުވެ ހުރި އެހެން ރަށްތަކުގެ އޮޕަރޭޝަންތަކާވެސް ވީއެންމެ އަވަހަކަށް ހަވާލުވެ، މަސައްކަތްތައް އެއްކޮށް ފުރިހަމަކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ