ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިޖީއެމްއެޗްގެ ތަފާސްހިސާބު: އަހަރެއްގެ ތެރޭގައި 500 އަށްވުރެ ގިނަ ސްޓްރޯކް ކޭސް، ޒުވާނުންގެ އަދަދު ގިނަ!

ކުއްލިއަކަށް ބޮލުގައި ގަދައަށް ރިއްސުމަކީ ސްޓްރޯކެއް ޖެހުމުގެ ކުރިން ފެނިދާނެ މުހިންމު ރަތް ސިގްނަލެކެވެ.
ކުއްލިއަކަށް ބޮލުގައި ގަދައަށް ރިއްސުމަކީ ސްޓްރޯކެއް ޖެހުމުގެ ކުރިން ފެނިދާނެ މުހިންމު ރަތް ސިގްނަލެކެވެ.

ވޭތުވެދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ސްޓްރޯކް ޖެހިގެން 500 އަށްވުރެ ގިނަ މީހުންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓ ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ސްޓްރޯކް ޖެހޭ މީހުންގެ އަދަދު މިހާރު 50 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި އުމުރުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އޭނާގެ އުމުރުދުވަހުގެ ތެރޭގައި ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 25 އިންސައްތައަށް އޮންނަކަން ޑޮކްޓަރު ފާހަގކުރެއްވިއެވެ.

ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އުމުރުން ހަގު ނުވަތަ ޒުވާން އުމުރުގެ މީހުންނަށް ސްޓްރޯކް ޖެހޭ ނިސްބަތް މަތިވަމުންދިއުމެވެ.

އެގޮތުން އައިޖީއެމްއެޗުން ސްޓްރޯކަށް ފަރުވާ ހޯދާ ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ އުމުރުން 45 އަހަރުން ދަށުގެ މީހެކެވެ. މީގެ ތެރޭގައި އުމުރުން އެންމެ 16 އަހަރުގެ ކުދިންނަށްވެސް ސްޓްރޯކް ޖެހިގެން ފަރުވާ ދީފައިވާ ކަމަށް ޑރ. އާފީ ވިދާޅުވިއެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި ލޭމަތިވުމާއި، ހަކުރުބަލި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޒުވާނުންގެ މެދުގައި އިތުރުވުމެވެ.

ސްޓްރޯކް ޖެހުމުން މޫނުގެ އެއްފަރާތް ދަމައިގަތުމާއި، ވާގިނެތުމާއި، ވާހަކަދައްކަން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނައިރު، ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދައިފިނަމަ ބަލިން ދާއިމީ ގެއްލުމެއް ނުލިބި ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.

ޑޮކްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަލިމީހާގެ ރިކަވަރީ މަރުހަލާގައި ނުވަތަ ހޮސްޕިޓަލުން ދޫކޮށްލާ ދުވަސްވަރު އާއިލާގެ އެހީތެރިކަމާއި އަޅާލުން ވަރަށް މުހިންމެވެ. ޚާއްޞަކޮށް ބަލިމީހާއަށް ކާންދޭނެ ގޮތްތަކާއި ފިޒިއޮތެރަޕީ ދޭނެ ގޮތްތައް ހޮސްޕިޓަލުގައި އޮންނަ ދުވަސްވަރު އާއިލާއިން ދަސްކުރުމަކީ ބަލިމީހާ އަވަހަށް ފަސޭހަވުމަށް އެހީތެރިވެދޭނެ ކަމެކެވެ.