ރަސްމާލެ މަޝްރޫއުގައި ސަރުކާރުން ހުރަސްނުކުރާނެ "ރަތް ރޮނގެއް" އޮންނާނެ: ޝުޖާޢު
މަލްޓި-ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް ހިފައިގެން ބޭރުގެ ފަރާތްތަކުން އަޔަސް، ދިވެހި ދައުލަތުން ފަހަނައަޅައި ނުދާނެ "ރަތް ރޮނގެއް" މި ސަރުކާރުގައި އޮންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ، ދުބާއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއުގެ ދަށުން، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭނެ ކަމަށާއި އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މެންބަރު ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއާ ގުޅޭ އެންމެހައި މައުލޫމާތުތައް ވަރަށް ތަފްސީލުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ހިއްސާކުރައްވަމުންނެވެ. އަދި ޕީއެންސީގެ ސަރުކާރަކުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLއެގޮތުން ސަރުކާރުން ގެންގުޅޭ "ރަތް ރޮނގަކީ" ކޮބައިކަން ސާފުކޮށްދެއްވަމުން ޝުޖާޢު ވިދާޅުވީ، ރަސްމާލޭގެ އެއްވެސް މިލްކިއްޔާތެއް ނުވަތަ ޕްރޮޖެކްޓެއް އިސްރާއީލުގެ އެއްވެސް ފަރާތަކަށް ނުގަނެވޭނެ އަދި ނުވިއްކޭނެ ކަމަށެވެ. އަދި އެކަން ފަހުމުނާމާގައާއި ރަސްމީ އެއްބަސްވުންތަކުގައި ވެސް ގާނޫނީ ގޮތުން މަނާކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލާއި، ގައުމީ ސަލާމަތުގެ އިތުރުން މާތްވެގެންވާ އިސްލާމްދީނަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް ރަސްމާލޭގައި ފުރުސަތު ނޯންނާނެ ކަމަށާއި، ރާއްޖޭގެ ބައެއް ރިސޯޓުތަކާ ޚިލާފަށް އީގަލް ހިލްސްއިން ތަރައްގީކުރާ މި ސަހަރުގައި ބަންގީގެ އަޑު ގުގުމައިގެންދާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ފުރިހަމައަށް ދެމެހެއްޓުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުވެފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގޭތީ އިދިކޮޅުން ދައްކާ ހަގީގަތެއް ނެތް ވާހަކަތައް މިއަދު ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އަދި މި މަޝްރޫއަށް ހުރަސްއަޅަން އިދިކޮޅުން މަސައްކަތް ކުރަނީ، އެބޭފުޅުންގެ ވެރިކަމުގައި މިފަދަ ބިޔަ ތަރައްގީގެ މަޝްރޫއުތައް ގައުމަށް ގެނެސްދެވިފައި ނުވާތީ އުފެދިފައިވާ ހަސަދަވެރިކަމެއްގެ ސަބަބުން ކަމަށް ޝުޖާޢު ތުހުމަތު ކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ބަހުސް ކުރެވިގެންދާއިރު، މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ދިވެހި އެންމެހައި ރައްޔިތުންނަށް އިތުރަށް ސާފުވެގެންދާނެ ކަމަށް ވިދާޅުވަމުން ޝުޖާޢު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.
Ads by MACL
