ތިލަމާލެ ބްރިޖާއި ބަނދަރު 2027 އަށް ހުޅުވަނީ: މާލޭގެ ތޮއްޖެހުން ކުޑަވެ، ބާޒާރުގެ އަގުތަކަށް ބޮޑު ލުޔެއް!
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި، 2027 ވަނަ އަހަރުގެ ނިޔަލަށް އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލެވޭ މި ބްރިޖުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތަކަށާއި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.
އަދި މާލޭގެ ގްރޭޓަރ މާލެ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން މިހާރު ފެށިގެން ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން މި ބަނދަރު ނިންމައި ހިދުމަތް ދޭން ފެށުމެވެ.
Ads by BMLތިލަފުށި ބަނދަރާއެކު އަންނާނެ ބޮޑެތި ބަދަލުތައް:
• ޖާގަ އިތުރުވުން: މާލޭ ބަނދަރުގެ 5 ހެކްޓަރުގެ ބަދަލުގައި ތިލަފުށީ ބަނދަރު ގާއިމުކުރަނީ 60 ހެކްޓަރުގެ ސަރަހައްދެއްގައެވެ.
• ކީވޯލް ބޮޑުވުން: ހުޅުވާއިރު 375 މީޓަރުގެ ކީވޯލެއް އޮންނާނެއެވެ. މަޝްރޫއު އެއްކޮށް ނިމޭއިރު 1.4 ކިލޯމީޓަރުގެ ބައިނަލްއަގުވާމީ ފެންވަރުގެ ކީވޯލެއް ހުންނާނެއެވެ.
• ފުންމިން އިތުރުވުން: ކޮންޓެއިނަރު ބާލާ ސަރަހައްދުގެ ފުންމިނުގައި 14.6 މީޓަރު ހުންނާނެތީ، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރަށް ސީދާ ބަނދަރަށް ކައިރިކުރެވޭނެއެވެ.
• ކެޕޭސިޓީ އިތުރުވުން: ބަނދަރު ހުޅުވާއިރު 390,000 ކޮންޓެއިނަރުގެ ޖާގަ އޮންނާނެއެވެ. އަދި މުސްތަގުބަލުގައި އަހަރަކު 1.28 މިލިއަން ކޮންޓެއިނަރު ކްލިއާ ކުރެވޭނެއެވެ.
• ވަގުތު ސަލާމަތްވުން: މުދާ ބޭލުމަށް މިހާރު ހޭދަވާ 9 އަކާއި 14 ދުވަހުގެ މުއްދަތު، 3 ދުވަހަށްވުރެ ކުރު މުއްދަތަކަށް އަވަސްވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މުދާ އެތެރެކުރުމުގެ ހަރަދު ކުޑަވެ، ބާޒާރުގައި ތަކެތީގެ އަގު ހެޔޮވުމުގެ ފުރުސަތު ހުޅުވޭނެއެވެ. އަދި ތިލަފުށީގެ ފުޅާ މަގުތަކާއި ވެއާހައުސްތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓަކީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 2026 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
Ads by MACL
