ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުވައިތުގެ އަމީރަށް ރައީސް މުއިއްޒު ޚާއްޞަ ސިޓީފުޅެއް ފޮނުއްވައިފި

ކުވައިތުގެ އަމީރަށް ރައީސް މުއިއްޒު ޚާއްޞަ ސިޓީފުޅެއް ފޮނުއްވައިފި

ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްޞަ ސިޓީފުޅެއް ކުވައިތުގެ އަމީރު ޝައިޚް މިޝްއަލް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙަށް އިއްޔެ އަރުވައިފިއެވެ.

ރައީސް މުއިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ކުވައިތަށް ވަޑައިގެން މި ސިޓީފުޅު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި ސިޓީފުޅު ހަވާލުކުރައްވާފައިވަނީ ކުވައިތުގެ ފޮރިން މިނިސްޓަރު ޝައިޚް ޖައްރާޙް ޖާބިރު އަލްއަޙްމަދު އައްޞަބާޙާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ނަމަވެސް، އެ ސިޓީފުޅުގައި ހިމެނޭ ތަފްސީލީ މައުލޫމާތެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އަދި އެކުވެރި ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެއާއި ކުވައިތާ ދެމެދު އޮތް ގުޅުން އިތުރު ދާއިރާތަކުން ފުޅާކޮށް، ތަރައްޤީ ކުރެވިދާނެ އޮނިގަނޑުތަކާމެދު ދެ މިނިސްޓަރުން ޚިޔާލު ބަދަލުކުރެއްވިއެވެ. އެއާއެކު ދެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.