ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގާނޫނީ ވަކީލުން މުޖުތަމައަށް ހިދުމަތްކުރުމުގައި އިސްނެގުމަށް ފަނޑިޔާރު ސަލީމް އިލްތިމާސްކުރައްވައިފި

ފަނޑިޔާރު ސަލީމް -- ފޮޓޯ: ވަގުތު
ފަނޑިޔާރު ސަލީމް -- ފޮޓޯ: ވަގުތު

ގާނޫނީ ވަކީލުކަމުގެ ދާއިރާއަށް އަލަށް ގުޅޭ ފަރާތްތަކުން އިންސާފު ގާއިމުކުރުމާއި މުޖުތަމައުގެ އާންމު ލާބައަށް މަސައްކަތްކުރުން އިސްކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެދިވަޑައިގެންފިއެވެ. ފަނޑިޔާރު ސަލީމް މިކަމަށް އިލްތިމާސްކުރެއްވީ ބާ ކައުންސިލުން އިންތިޒާމުކޮށްގެން އަލަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯއްދެވި ނުވަ ބޭފުޅަކު ހުވާކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އަލަށް ގުޅުނު ވަކީލުންނަށް ހުވައިލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްމާނިއު ޙުސައިނެވެ. އަދި އެ ބޭފުޅުންނަށް ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ފަނޑިޔާރު ސަލީމެވެ.

ވަކީލުކަމުގެ ހުއްދަ ލިބުނު ބޭފުޅުންނަކީ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރުމަށްފަހު، އަމަލީ ތަޖުރިބާ ފުރިހަމަކޮށް ބާ އިމްތިހާނު ކާމިޔާބުކޮށްފައިވާ ފަރާތްތަކެކެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަނޑިޔާރު ސަލީމް ވަނީ ގާނޫނީ އިލްމަކީ ބޮޑު މަސްއޫލިއްޔަތެއް އެކުލެވޭ ކަމެއްކަން ފާހަގަކުރައްވައި، ޝަރުއީ ދާއިރާއަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށާއި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމުގައި ވަކީލުންގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ގޮވާލައްވާފައެވެ.

ބާ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވަނީ ވަކީލުކަމުގެ ހުވައަކީ ގާނޫނުއަސާސީ އާއި ގާނޫނު ނަގަހައްޓައި އަމާނާތްތެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ވެވޭ އަހުދެއްކަން ހަނދާންކޮށްދެއްވާފައެވެ. މުވައްކިލުންގެ ސިއްރުތައް ހިފެހެއްޓުމާއި، ސުލޫކީ މިންގަނޑުތަކަށް އިހްތިރާމްކުރުމުގެ އިތުރުން ގާނޫނީ އެހީތެރިކަމަށް ބޭނުންވެފައިވާ ނިކަމެތިންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިރާޖު އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، ގާނޫނީ ހިދުމަތް ދޭ ފަރާތްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ކޮލިފައިންގ ލޯ ޑިގްރީގެ އެންމެ ދަށް މިންގަނޑަށް ބަދަލު ގެނެސްފައިވާކަން ސިރާޖު ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން އެ ޕްރޮގްރާމްތަކުގެ އިމްތިހާންތައް ހަދަންޖެހޭނީ އަމަލީ ގޮތުން ހާޒިރުވެގެން ކަމަށާއި، މި ބަދަލުގެ ސަބަބުން ކޯހުގެ މާއްދާތަކަށާއި މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް ހުވާކުރި ނުވަ ވަކީލުންނާއެކު ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލުން މިހާތަނަށް 572 ފަރާތަކަށް ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވެއެވެ. މިއާއެކު ރާއްޖޭގެ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,985 އަށް އަރާފައެވެ.